ހުއްދަ ނުހޯދާ ގިނަ އަދަދެއްގެ ބޭސްތަކެއް ރާއްޖެއަށް ގެންނަން މަސައްކަތް ކުރި ދެ ދިވެއްސަކު އިންޑިއާގެ ކޮޗިން އެއާޕޯޓުން ހުއްޓުވައިފިއެވެ. މި ދެ ދިވެހިން ހުއްޓުވާފައިވަނީ އިންޑިއާގެ ވައިގެ އިންޓެލިޖެންސުންނެވެ.
އިއްޔެ ކޮޗިން އެއާޕޯޓުގައި ހިފެހެއްޓުނު މި ދެ ދިވެހިން ހުއްޓުވާފައިވަނީ ތިން ކާޓަންގެ ބޭސް ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރަން އުޅެނިކޮށެވެ. އިންޑިއާގެ މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި މި ބޭސްތަކުގެ އަގު އިންޑިއާ ރުޕީސްގެ 3 ލައްކައާއި 5 ލައްކައާ ދެމެދުގެ އަދަދަކަށް އަރައެވެ.
މި ބޭސްތައް އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ އިމްޕޯޓު/އެކްސްޕޯޓު ކުރުމަށް ބޭނުންވާ އެއްވެސް ހުއްދައެއް ނުވަތަ ލިޔެކިޔުމެއް ނެތިއެވެ. އަދި މި ބޭސްތަކުގެ ތެރޭގައި އެތެރެކުރުން މަނާ ބޭސް ހިމެނޭތޯ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް އިންޑިއާގެ ކަސްޓަމްސްއިން ބުނެފައިވެއެވެ.
އިންޑިއާގެ ކަސްޓަމްސްއިން އިތުރަށް ބުނެފައިވަނީ މިއީ ވަގަށް ބޭސް ބޭރުކުރުމުގައި ހަރަކާތްތެރިވާ ނެޓްވޯކެއްގެ ތެރެއިން ހިނގާފައިވާ ކަމެއްތޯ ވެސް ބަލަމުން އަންނަ ކަމަށެވެ. އަދި ހުއްދަ ނެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ބޭސްތައް އަތުލައި، އެ ދެ ދިވެހިން ފުރަން އުޅުނު ފްލައިޓުން އެމީހުން ފުރުވާލާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ފާހަގަކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން