އުތުރު ކޮރެއާއިން ހަނގުރާމައެއް އިއުލާނުކުރާނެ ކަމުގެ އިންޒާރު ދެކުނު ކޮރެއާއަށް ދީފިއެވެ.
އުތުރު ކޮރެއާއިން މި އިންޒާރުދީފައި މި ވަނީ އެ ގައުމުގެ ސަރަހައްދަކުން ދެކުނު ކޮރެއާއިން ފޮނުވި ޑްރޯންއެއްގެ ބައިތަކެއް ފެނުމުންނެވެ.
ޕިއޮންޔޮންގްގެ ރަސްމީ ނޫސް އެޖެންސީ ކޭސީއެންއޭ އިން ބުނި ގޮތުގައި ޔޫއޭވީ ބޭނުންކުރީ އުތުރު ކޮރެއާގެ ވެރިރަށުގެ މަތިން ލީފްލެޓްތަކެއް ފޮނުވުމަށް ކަމަށް ބެލެވެއެވެ. މި މަހު ކުރީކޮޅުވެސް ލީފްލެޓްތަކަކާއެކު މި ފަދަ ޑްރޯންތަކެއް ފެނިފައިވާ ކަމަށް ކޭސީއެންއިން ރިޕޯޓު ކޮށްފައިވެއެވެ.
"އާރްއޯކޭގެ އަސްކަރީ ވަސީލަތްތަކުން ޑީޕީއާރުކޭގެ ސަރަހައްދީ ބިމާއި ވައިގެ އަދި ކަނޑުގެ ސަރަހައްދުގެ ގަވައިދުތަކާ ޚިލާފުކަމެއް ފެނި، އެކަން ކަށަވަރުވެއްޖެނަމަ، ހަނގުރާމަ އިއުލާނުކޮށް ވަގުތުން ބަދަލުހިފުމުގެ ހަމަލާއެއް ދޭން ފަށާނެ،" ރޮއިޓާސް އާ ހަވާލާދީ ކޭސީއެންއޭ އިން އިންޒާރު ދީފައިވެއެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ކޮއްކޮ އަދި ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށްވާ ކިމް ޔޯ-ޖޮންގް ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނީ ދެކުނު ކޮރެއާއިން އުތުރު ކޮރެއާގެ ވައިގެ ސަރަހައްދާ ހިލާފުވި ކަމުގެ "ސާފު ހެކި" ޕިއޮންޔޮންގައި އެބަހުރި ކަމަށެވެ.
ދެކުނު ކޮރެއާއިން ވަނީ އެ ގައުމުގެ ޑްރޯންތައް ބޯޑަރު ހުރަސްކުރިކަން ކަށަވަރު ކުރަން ދެކޮޅު ހަދާފައެވެ. ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ތަރުޖަމާނު ކާނަލް ލީ ސަންގް-ޖުން މި ހަފުތާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މި މައްސަލައަކީ އުތުރު ކޮރެއާއިން ސާފުކޮށްދޭންޖެހޭ ކަމެއް ކަމަށެވެ.
މި ލިޔުން ކިޔާލުމުން