މައްކާގެ މަސްޖިދުލް ހަރާމްގެ މުދިމު ޝައިޚް އިބްރާހީމް އަލް މަދަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.
"އިންސައިޑް ދަ ހަރަމައިން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޝައިޚް އިބްރާހީމް އަވަހާރަވީ މިއަދުގެ ފަތިސް ނަމާދުގެ ބަންގި ގޮވައިދެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. އެމަނިކުފާނުގެ ކަށުނަމާދު މިއަދުގެ އަޞްރު ނަމާދަށްފަހު މަސްޖިދުލް ހަރާމްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އަލް މުޢައްލާ ގަބުރުސްތާނުގައެވެ.
1976 ވަނަ އަހަރު މަދީނާއަށް އުފަންވެވަޑައިގެންނެވި ޝައިޚް އިބްރާހީމް ބޮޑުފުޅުވީ ދީނީ އާއިލާއެއްގައެވެ. ކާފާފުޅުގެ ނުފޫޒާއެކު ޤުރުއާނުގެ ޢިލްމަށް ޝައުޤުވެރިކަން އުފެދި، ފަހުން ވަނީ އެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައެވެ. އުމުރުފުޅުން އެންމެ 15 އަހަރުގައި މަދީނާގެ މިސްކިތަކުން ބަންގި ގޮވަން ފެއްޓެވި ޝައިޚް އިބްރާހީމް، މަސްޖިދުލް ހަރާމްގެ މުދިމެއްގެ ގޮތުގައި ރަސްމީކޮށް އައްޔަންކުރެވުނީ ހިޖުރީގޮތުން 1439 (2017-2018) ވަނަ އަހަރުއެވެ.
މަދީނާގައި ބޮޑުފުޅުވުމުގެ ސަބަބުން އެމަނިކުފާނުގެ ބަންގީގެ ރާގުން މަދީނާގެ ސަގާފީ އަސަރުތައް ފެންނަން ހުރިނަމަވެސް، މައްކާއަށް ކުރެއްވި ދަތުރުފުޅުތަކާއެކު މައްކާގެ ޚާއްޞަ ރާގުތަކަށްވެސް އެމަނިކުފާނު ވަނީ އަހުލުވެރިވެވަޑައިގެންފައެވެ.
މި ލިޔުން ކިޔާލުމުން



