ސްޓް ލަންޑަން ޑާބީގައި ޗެލްސީގެ މައްޗަށް 3-0 އިން ކުރިހޯދައިގެން ބްރެންޓްފޯޑް ޕްރިމިއާ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ. މި މޮޅާއެކު ބްރެންޓްފޯޑުން ވަނީ މި ސީޒަނުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ދަމަހައްޓައި، 1938 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކޮށްފައެވެ.
އަނިޔާގެ ސަބަބުން ޖޮއާއޯ ޕެޑްރޯ ނުލައި ކުޅުނު ޗެލްސީގެ ފަރާތުން ފެނުނީ ދަށް އެޓޭކިން ކުޅުމެއް ކަމަށްވާއިރު، މި ނަތީޖާއާއެކު ލީގުގައި މޮޅެއް ނުލިބި އެޓީމުން ވަނީ ތިން މެޗު ހަމަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، ޗެލްސީގެ ޕެޑްރޯ ނެޓޯ އަދި މޯގަން ރޮޖާސް ފޮނުވާލި ހަމަލާތައް ބްރެންޓްފޯޑްގެ ކީޕަރު ކެލެހާ ވަނީ ކާމިޔާބުކަމާއެކު ދިފާއުކޮށްފައެވެ.
ފޯރި ކުޑަ ފުރަތަމަ ހާފަކަށް ފަހު ދެވަނަ ހާފުގައި ވަރުގަދަ ކުޅުމެއް ދެއްކި ބްރެންޓްފޯޑަށް މެޗުގެ 61 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ، މިކެލް ޑަމްސްގާޑް އަދި ޔަނިކް ޝޫސްޓާ ތަނަވަސްކޮށްދިން ފުރުސަތަކުން ޖައިޑަން އެންތަނީއެވެ.
ޗެލްސީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދަން އުނދަގޫވެފައި ވަނިކޮށް، މެޗުގެ 83 ވަނަ މިނެޓުގައި ކައުންޓާ އެޓޭކެއްގައި ބްރެންޓްފޯޑްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިގޯ ތިއާގޯއެވެ. އަދި އިތުރު ވަގުތުގެ ތެރޭގައި ކެވިން ޝާޑޭ ދިން ބޯޅައަކުން އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ފަބިއޯ ކަވާޔޯއެވެ.
މި މޮޅާއެކު ބްރެންޓްފޯޑް ވަނީ 9 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އަދި މެޗުން ބަލިވި ޗެލްސީ ވަނީ 7 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައަށް ވެއްޓިފައެވެ.
މި ލިޔުން ކިޔާލުމުން



