ގޫގުލްގެ ސައިބާ ސެކިއުރިޓީ ގާބިލިއްޔަތުކަން ވަޒަންކުރުމަށް ހެދި ޓެސްޓެއްގެ ތެރެއިން، އެ ކުންފުނީގެ ޖެމިނީ އޭއައި މޮޑެލް ތިން ކުންފުންޏެއް ހެކްކޮށްފައިވާ ކަމަށް ގޫގުލް އިން ވަނީ އަލްޖަޒީރާއަށް ކަށަވަރުކޮށްދީފައެވެ. މިއީ މެޓާ، އެންތުރޮޕިކް އަދި އޯޕަންއޭއައި ފަދަ ކުންފުނިތަކަށް މިފަދަ ކަންކަން ދިމާވި ފަހުން، ޖެމިނީގެ ފުރަތަމަ 'ބްރޭކްއައުޓް' ހާދިސާ ގޫގުލް އިން ހާމަކުރި ފަހަރެވެ.
މިދިޔަ މެއި މަހު ހިންގި ޓެސްޓެއްގައި، ޚިޔާލީ ކުންފުންޏަކުން މައުލޫމާތު ހޯދަން އުޅުމުގެ ތެރޭގައި އުސޫލާ ޚިލާފަށް އިންޓަނެޓް ބޭނުންކޮށް، ޕާސްވޯޑެއް ލަފާކޮށްގެން އަސްލު ކުންފުންޏެއްގެ ޚިދުމަތަކަށް މި މޮޑެލް ވަނީ ވަދެފައެވެ. އަދި އަނެއް ދެ ހާދިސާގައި ޓެސްޓުގެ ބައެއް ކަމަށް ހީކޮށް ވެބްސައިޓްތަކެއްގެ ލޮގިން މައުލޫމާތު ހޯދަން މަސައްކަތް ކުރި ނަމަވެސް، އެ އަމަލު ފުރިހަމަކުރުމުގެ ކުރިން މޮޑެލް އަމިއްލައަށް ހުއްޓުނު ކަމަށް ގޫގުލް އިން ބުނެއެވެ.
މެޓާ، އެންތުރޮޕިކް އަދި އޯޕަންއޭއައި ފަދަ ކުންފުނިތަކުގެ އޭއައި މޮޑެލްތައް ޓެސްޓުކުރުމުގެ ތެރޭގައި ވެސް އުސޫލާ ޚިލާފަށް އިންޓަނެޓަށް ވަދެ ކޮންޓްރޯލުން ނެއްޓުމުގެ ހާދިސާތައް ވަނީ ދިމާވެފައެވެ. ވަކިން ޚާއްޞަކޮށް، އެންތުރޮޕިކްގެ 'ކްލޯޑް' މޮޑެލް އަސްލު ކުންފުނިތަކަކަށް ވަދެވެނީކަން އެނގުމުންވެސް އެ އަމަލު ހުއްޓައެއް ނުލައެވެ.
މިފަދަ ނުރައްކާތަކާ ގުޅިގެން އިންސާނިއްޔަތަށް ބޮޑު ކާރިސާއެއް ކުރިމަތިވެދާނެތީ، އެންތުރޮޕިކްގެ ސީއީއޯ ދާރިއޯ އަމޮޑޭއީ ވަނީ އޭއައި ތަރައްގީކުރުމުގެ ދުވެލި މަޑުޖައްސާލުމަށް ގޮވާލައްވާފައެވެ. މި ގޮވާލުމަށް ސޭމް އޯލްޓްމަން އަދި އީލޮން މަސްކް ތާއީދުކުރެއްވި ނަމަވެސް، ޑޮނަލްޑް ޓްރަމްޕް ވަނީ މި ދާއިރާއިން އެމެރިކާގެ ކުރިއެރުން ޗައިނާގެ އަތްދަށަށް ހިނގައިދާނެތީ، އޭއައި ކުރިއެރުވުމަށް ހުރަސްއެޅުމާ ދެކޮޅު ހައްދަވާފައެވެ.
މި ލިޔުން ކިޔާލުމުން



