އާދިއްތަ, October 11
ހއ. ބާރަށު ފުޓްބޯޅަ ސްޓޭޑިއަމް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. ބާރަށު ފުޓްބޯޅަ ސްޓޭޑިއަމް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޢަބްދުއްﷲ ރާފިއުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ބާރަށަކީ ފުޓްބޯޅައަށް ލޯބިކުރާ، އަދި ރާއްޖޭގެ ފުރަތަމަ އާއި ދެވަނަ ޑިވިޝަނަށް ގިނަ އަދަދެއްގެ ކުޅުންތެރިން އުފައްދާފައިވާ ރަށެއް ކަމަށެވެ. އެހެންނަމަވެސް، ވޭތުވެދިޔަ އެތައް ސަރުކާރެއް ނިމިގެންދިޔައިރުވެސް އެ ރަށުގައި ޒަމާނީ ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއަދު ފެށިގެން މިދަނީ އެތައް ޒުވާނުންނެއް ދެކެމުންއައި ހުވަފެންތަކުގައި ކުލަޖެހުމުގެ މަސައްކަތް ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތް ވަރަށް އަވަހަށް ފެށި، ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލެވޭނެއެވެ. މި މަޝްރޫޢުގެ ދަށުން ދަނޑުގައި ޒަމާނީ ޓާފް އެޅުމުގެ އިތުރުން، ރޭގަނޑުވެސް ކުޅެވޭނެހެން އަލިކުރެވިގެންދާނެއެވެ. ބާރަށު ޒުވާނުންގެ މި ހުވަފެން ހަޤީޤަތަކަށް ހައްދަވައިދެއްވިކަމަށްޓަކައި މެންބަރު ޝުޖާއު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު