އޯޝޭނިއާ ފުޓްބޯޅަ ކޮންފެޑަރޭޝަން (އޯ.އެފް.ސީ) އިން ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި، ފީފާގެ ނާކާމިޔާބުވި ޕްރައިވެޓް އިންވެސްޓްމަންޓް ޕްލޭން ރިވިއުކުރުމަށް ނިންމި ނިންމުމަށް މަރުޙަބާ ކިޔާފައެވެ. ނަމަވެސް، އެ ސަރަޙައްދީ ބްލޮކުގެ ނިންމުމާ ޚިލާފަށް ނިއުޒީލެންޑުން ވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ކުރަމުންދިޔަ ތާއީދު އަނބުރާ ގެންގޮސްފައެވެ
އަންނަ އަހަރު ބާއްވާ އިންތިޚާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް މަސައްކަތް ކުރައްވަމުންދާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކަކާއި ކުރިމަތިލާންޖެހިފައެވެ. މި ފާޑުކިޔުންތައް އޭނާއަށް އަމާޒުވެފައިވަނީ ޔޫއެފާ، އޭއެފްސީ އަދި ކޮންކާކާފް ކޮންފެޑަރޭޝަނުން އޭނާގެ ލީޑަރޝިޕް ރިވިއުކުރުމަށް ގޮވާލައި، ވޯލްޑް ކަޕާއި ފީފާގެ މުބާރާތްތަކަށް ޕްރައިވެޓް އިންވެސްޓްމަންޓް ގެނައުމަށް ކުރި މަސައްކަތް ހުއްޓާލުމާ ގުޅިގެންނެވެ.
11 ފުރިހަމަ މެންބަރުން ހިމެނޭ ފުޓްބޯޅައިގެ އެންމެ ކުޑަ ކޮންފެޑަރޭޝަން ކަމަށްވާ އޯ.އެފް.ސީ އިން ބުނީ، ފީފާގެ ލީޑަރޝިޕްގެ ދަށުން އެ ސަރަޙައްދަށް ގިނަ ފައިދާތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އޯ.އެފް.ސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އެފް.އެފް.އީ (ފީފާ ފޯވާޑް އެންޓަޕްރައިޒް) ޕްރޮޕޯޒަލް އަނބުރާ ގެންދިއުމަށް ފީފާއިން ނިންމި ނިންމުމަށާއި، މި ޕްރޮޖެކްޓާ ގުޅޭ މައްސަލަތައް ރިވިއުކުރުމަށް ފީފާއިން ވެފައިވާ ވައުދަށް އޯ.އެފް.ސީ އެކްޒެކެޓިވް ކޮމިޓީން މަރުޙަބާ ކިޔަން،" މިއެވެ.
އޯ.އެފް.ސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، "ފީފާގެ ލީޑަރޝިޕްގެ ދަށުން ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި އޯޝޭނިއާގެ ފުޓްބޯޅަ ކުރިއެރުވުމަށް ހޯދާފައިވާ ކުރިއެރުންތައް އޯ.އެފް.ސީ އިން ބަލައިގަންނަން. އަދި މި ރިވިއުގެ ބޭނުން ހިފާ، ގެންނަންޖެހޭ ބަދަލުތަކެއްވާނަމަ އެ ބަދަލުތަކެއް ދެނެގަނެ ތަންފީޒުކުރުމަށް ފީފާއަށް ބާރުއަޅަން." ކަމަށެވެ.
ނަމަވެސް، މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި އޯޝޭނިއާގެ ހަމައެކަނި ގައުމު ކަމަށްވާ ނިއުޒީލެންޑުން ބުނީ، އަންނަ އަހަރު ބާއްވާ ފީފާ ކޮންގްރެސްގައި އިންފަންޓީނޯ އިންތިޚާބުކުރުމަށް ކުރާ ބިޑަށް ކުރަމުންދިޔަ ތާއީދު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. ނިއުޒީލެންޑް ފުޓްބޯޅަ އެސޯސިއޭޝަނުން ދަނީ ފީފާ ފޯވާޑް އެންޓަޕްރައިޒް ސްކީމް އެކުލަވާލުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ މިނިވަން ރިވިއުއެއް ހެދުމަށްވެސް އެދެމުންނެވެ.



