ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާއިރު، ކުރިއަށް އޮތް 2027 ވަނަ އަހަރަކީ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން އާންމުކުރި "ދަ ޕަލްސް" ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ބައެއް މަޝްރޫޢުތައް މި އަހަރު ނިމޭއިރު، 2028 ވަނަ އަހަރާ ހަމައަށްވެސް ތާވަލުކުރެވިގެން މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދިމާވި އިޤްތިޞާދީ ގޮންޖެހުންތަކާއެކު މަޑުޖެހުނު މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް މާލަސްތަކެއް ނުވެ އަލުން ފެށިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
އަވަސް މީޑިއާގެ ސީނިއަރ ޖަރނަލިސްޓް އަޙްމަދު ޝުޢާއު ބައިވެރިވެވަޑައިގެންނެވި މި އެޕިސޯޑުގައި ރައީސް ވަނީ، ރަށްރަށުގެ ކައުންސިލް އިދާރާތައް ބިނާކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 100 ވަރަކަށް ރަށުގައި އައު އިމާރާތްތައް ބޭނުންކުރަން ފެށޭނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، ތިލަމާލޭ ބްރިޖުގެ މަސައްކަތް މިހާރު އަވަސް ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވައި، ދަތުރުފަތުރާއި އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ އިޤްތިޞާދީ ފައިދާއަށް އަލިއަޅުއްވާލެއްވިއެވެ.
މި ޕޮޑްކާސްޓް ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢަކީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަޝްރޫޢެވެ. އަދި 2027 ވަނަ އަހަރުގެ ނޮވެމްބަރު 11 ގެ ނިޔަލަށް އެ މަޝްރޫޢު ފުރިހަމައަށް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.



