މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އެ ސަރަޙައްދުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގާއިމުކުރި ޕަމްޕް ސްޓޭޝަންތައް ބޭނުންކުރަން ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން މައުލޫމާތު ދޭ ގޮތުގައި، މަސްވެރިންގެ ޕާކު ސަރަޙައްދުގައި ގާއިމުކޮށްފައިވާ ދެވަނަ ޕަމްޕް ސްޓޭޝަން އިއްޔެ ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އަދި އެމްއެމްއޭ ސަރަޙައްދުގައި ހުންނަ ފުރަތަމަ ޕަމްޕް ސްޓޭޝަން މާދަމާ ބޭނުންކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން ފާހަގަކުރި ގޮތުގައި ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބެހެއްޓި މި ޕަމްޕް ސްޓޭޝަންތަކުގެ ސަބަބުން، ވިއްސާރަ މޫސުމުގައި އެ ސަރަޙައްދުގެ މަގުތަކުގައި ފެންބޮޑުވެ ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބޭނެއެވެ. މިއީ ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.



