މިއަހަރު ބާއްވާ ދިރާގު ރޯޑް ރޭސްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ދުވުންތެރިންގެ މެދުގައި އެންމެ ގިނައިން ނޮމިނޭޓްކުރާ ފަސް އެންޖީއޯއަކަށް ދެ ލައްކަ ރުފިޔާގެ ހާއްސަ އެހީއެއް ދިނުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނިން ހާމަކުރި ގޮތުގައި، އިޖުތިމާއީ މުހިންމު ކަންކަމަށް އިސްކަންދީގެން ބާއްވާ މި ރޭސް ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ހާއްސަކޮށްފައިވަނީ ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިން ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކަށެވެ. އެގޮތުން، ރަޖިސްޓްރީވާ ކޮންމެ ދުވުންތެރިއަކަށްވެސް އެފަރާތަކުން އެދޭ އެންޖީއޯއެއް ނޮމިނޭޓްކުރުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެއެވެ.
ނޮމިނޭޓްކުރެވޭ ފަސް އެންޖީއޯއަށް ދޭ ދެ ލައްކަ ރުފިޔާގެ އިތުރުން، ރޭހުގެ ރެޖިސްޓްރޭޝަން ކިޓްތަކުން ލިބޭ 100 ރުފިޔާއާއި ސްޕެޝަލް ބިބްތަކުން ލިބޭ ހުރިހާ ފައިސާއެއް ބައިވެރިވާ 12 އެންޖީއޯގެ މެދުގައި ހަމަހަމައަށް ބަހާލެވޭނެއެވެ. ދިރާގުން ބުނި ގޮތުގައި ވޭތުވެދިޔަ އަހަރުވެސް ހަ ލައްކަ އެންމެ އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާ ޖަމިއްޔާތަކަށް ހަދިޔާކުރެވުނުއިރު، މިއަހަރުވެސް އެކަށީގެންވާ ބޮޑު އަދަދެއްގެ އެހީ ފޯރުކޮށްދެވޭނެކަމަށް އުއްމީދުކުރެވެއެވެ. އަދި ރޭސް އޮންނަ ދުވަހު އެންޖީއޯތަކުން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ހިންގުމަށް ސްޓޯލްތައް ބެހެއްޓުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
ތިމާވެއްށާއި ރައްޓެހި ހަރަކާތެއްގެ ގޮތުގައި ކުރިއަށްދާ މި ރޭހަކީ ސިންގަލް-ޔޫސް ޕްލާސްޓިކް ބޭނުންނުކުރާ އިވެންޓަކަށްވާތީ، ރޭސް ރޫޓުގައި ވޯޓާ ސްޓޭޝަންތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ގާތްގަނޑަކަށް 18،000 އެއްސާސް ސިންގަލް-ޔޫސް ޕްލާސްޓިކް މަދުކުރެވިގެންދާނެއެވެ. މިއަހަރުގެ ރޭހުގައި 4،000 މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވީނަމަވެސް، ތަރުހީބު ބޮޑުވެއްޖެނަމަ ބައިވެރިވެވޭ މީހުންގެ އަދަދު އިތުރުކުރުމުގެ ފުރުސަތު އޮތްކަންވެސް ދިރާގުން ވަނީ ފާހަގަކޮށްފައެވެ.



