ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރިގަދަ ސެމީ ފައިނަލްގައި އިންގްލެންޑް އަތުން 2-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. އެޓްލާންޓާގައި ކުޅުނު މި ފޯރިގަދަ މެޗުން މޮޅުވުމާއެކު، މިއީ ވޯލްޑް ކަޕްގެ ތާރީހުގައި އާޖެންޓީނާ ފައިނަލްގައި ކުޅޭ ހަތްވަނަ ފަހަރެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. މެޗުގެ 33 ވަނަ މިނެޓާ ހަމައަށް ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައި ނުވާއިރު، ފާހަގަކޮށްލެވުނީ އިންގްލެންޑްގެ ޖޯން ސްޓޯންސް ބޮލުން ފޮނުވާލި ހަމަލާއާއި އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ އެކަންޏެވެ.
ނަމަވެސް، ދެވަނަ ހާފު ފެށިގެން މެޗުގެ ފޯރި މުޅިން ބަދަލުވެގެންދިޔައެވެ. އެގޮތުން 55 ވަނަ މިނެޓުގައި މޯގަން ރޮޖާސް ނެގި ހުރަހަކުން އެންތަނީ ގޯޑަން ވަނީ ލަނޑެއް ޖަހައި އިންގްލެންޑަށް ކުރިހޯދައިދީފައެވެ.
އިންގްލެންޑުން ލީޑު ނެގުމާއެކު އާޖެންޓީނާއިން ވަނީ ކުޅުން ވަރުގަދަކޮށް، އިންގްލެންޑްގެ ހާފަށް ބާރުބޮޑުކޮށްފައެވެ. ނަތީޖާއަކަށްވީ، ކެޕްޓަން ލިއޮނަލް މެސީ ދިން ބޯޅައަކުން އެންޒޯ ފެނާންޑޭޒް އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން އާޖެންޓީނާއަށް ނަތީޖާ އެއްވަރުކޮށްދިނުމެވެ.
އާޖެންޓީނާ މުބާރާތުގެ ފައިނަލަށް ގެންގޮސްދިން މޮޅުވި ލަނޑު ފެނިގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މެސީ ނެގި ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ލައުޓާރޯ މާޓީނޭޒްއެވެ. މިއީ މާޓީނޭޒް މި މުބާރާތުގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގައިވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ ލަނޑު ޖެހި ދެވަނަ ފަހަރެވެ.
މި މެޗަކީ ދެ ގައުމުގެ ތަރިންނަށްވެސް ތާރީޚީ ރެކޯޑުތަކެއް ފެނިގެންދިޔަ މެޗެކެވެ. އުމުރުން 39 އަހަރާއި 21 ދުވަހުގައި ލިއޮނަލް މެސީ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕް ސެމީ ފައިނަލެއްގައި ކުޅުނު އެންމެ ދުވަސްވީ އައުޓްފީލްޑް ކުޅުންތެރިޔާއަށެވެ. އަދި އިންގްލެންޑްގެ ހެރީ ކޭން ވަނީ 121 މެޗާއެކު އިންގްލެންޑްގެ ތާރީޚުގައި އެންމެ ގިނަ މެޗު ކުޅުނު އައުޓްފީލްޑް ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
އާޖެންޓީނާއިން މިހާރު މިވަނީ ވޯލްޑް ކަޕްގެ ތަށި ދިފާއުކުރުމުގެ އެންމެ ފަހު ފިޔަވަޅާ ހަމައަށް ވާސިލުވެފައެވެ. ނިއު ޔޯކް ނިއު ޖާޒީގައި އަންނަ އާދީއްތަ ދުވަހު ކުޅޭ ބޮޑު ފައިނަލް މެޗުގައި އާޖެންޓީނާ ނިކުންނާނީ ސްޕެއިނާ ދެކޮޅަށެވެ.



