ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒު އަދި 10 ރަށެއްގައި މިސްކިތް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން އިޢުލާން ކޮށްފިއެވެ.
އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހއ. އިހަވަންދޫ، ށ. ފުނަދޫ، ޅ. ނައިފަރު އަދި ގއ. ވިލިނގިލީގައެވެ. އިހަވަންދޫ، ފުނަދޫ އަދި ވިލިނގިލީގައި އިމާރާތްކުރާ މަރުކަޒުތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 102,000 ރުފިޔާ ހުށަހަޅަންޖެހޭއިރު، ނައިފަރުގައި އިމާރާތްކުރާ މަރުކަޒަށް 126,000 ރުފިޔާ ހުށަހަޅަންޖެހެއެވެ.
މިސްކިތް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ރ. މީދޫ، ކ. ގުޅި، އއ. މަތިވެރި، އދ. ފެންފުށި، ފ. ފީއަލި، ދ. ރިނބުދޫ، ގދ. ނަޑެއްލާ، މަޑަވެލި، ހޯނޑެއްދޫ އަދި ފަރެސްމާތޮޑާ ހިމެނެއެވެ.
މާލީ ވުޒާރާއިން މަޢުލޫމާތު ދޭގޮތުގައި މި މަޝްރޫޢުތަކަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލުންނެވެ. އަދި ބިޑް ހުށަހެޅުމުގެ ފުރުޞަތު އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލެވިފައިވެއެވެ.
ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭ ބިޑްތައް ހުޅުވުން އޮންނާނީ ޖުލައި މަހުގެ 17 ވަނަ ދުވަހުގެ 11:00 ގައި ކަމަށް މާލީ ވުޒާރާއިންހާމަކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން