ދިވެހި ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އެކުލަވައިލައްވާފައިވާ ގައުމީ ތަސައްވުރު "ދިވެހިރާއްޖެ 2.0" އާ ދެކޮޅަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ކޮރަޕްޝަން ނައްތައިލުމުގެ މަސައްކަތް ސަރުކާރުން ފެށުމުން އެކަމާ އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދާ ސަބަބަކީ ކޮބައިތޯ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސުވާލުކުރައްވައިފިއެވެ.
ހާމަކަންބޮޑު ގޮތެއްގަައި ދައުލަތުގެ ހިދުމަތްތައް ފޯރުކޮށްދީ، ރައްޔިތުންނަށް ދޭ ހިދުމަތްތައް ހަލުއިކޮށް ލުއިފަސޭހަކޮށް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި، ކޮރަޕްޝަނާއި ފަސާދައަށް ފަހިވާ ގޮތަށް ނިޒާމުގެ ތެރޭގައި ހުރި ކަންކަން އިސްލާހުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި "ދިވެހިރާއްޖެ 2.0"އަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އީ-ވޯޓިން މެދުވެރިކޮށް ވޯޓުލާ ގޮތަށް ނިޒާމު ބަދަލުކޮށް އިންތިހާބުން ވައްކަންކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ. ނަމަވެސް އެ ސިޔާސަތު ތަންފީޒުކުރުން މަތިކޮށްފައިވާ ވުޒާރާކަމަށްވާ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު އަލީ އިހުސާނުވަނީ "ދިވެހިރާއްޖެ 2.0"ގެ ތެރޭގައި އީ-ވޯޓިން ވިސްނުމެއް ނެތްކަމަށް ވިދާޅުވެފައެވެ.
އިދިކޮޅުގެ ފާޑުކިޔުންތަކާ ގުޅިގެން އެކްސްގަައި ކުރެއްވި ޕޯސްޓެއްގައި ރައީސްވަނީ ކޮރަޕްޝަން ނައްތައިލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެެކަމާ ދެކޮޅުހަދަނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.
ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟ މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު. ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތު (ޑޭޓާ) ގެ ފުރިހަމަ…
— Dr Mohamed Muizzu (@MMuizzu) May 10, 2025
އަދި "ދިވެހިރާއްޖެ 2.0"އާ މެދު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު އެ ޕޯސްޓުގައި ވަރަށް ތަފުސީލުކޮށް ރައީސް ބަޔާންކޮށްދެއްވިއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެ ސިޔާސަތަކީ ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތައިލުމަށް އެޅިގެންދާ އެންމެ ބޮޑު ފިޔަވަޅަށްވާނެ ކަމަށެވެ
މި ލިޔުން ކިޔާލުމުން