Monday, November 2
ކުޑަކުދިންގެ ދުވަސް ޤައުމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކޮށްފި

ތައުލީމީ ވުޒާރާއިން އިސްނަގައިގެން ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެ ސަރަހައްދުގެ 6 ތަނެއްގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. މި ހަވީރުތައް ބޭއްވުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޮންނަ ހިޔާ ޕާކާއި، ހުޅުމާލޭ ސެންޓްރަލް ޕާކާއި، ރަސްފަންނާއި، ޖުމްހޫރީ މައިދާނާއި، ހެންވޭރު ދަނޑުގެ އިތުރުން ވިލިނގިލީގައި ހުންނަ މުޙްޔިއްދީން ސްކޫލުގައެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު ހަވީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވަޑައިގެން، ކުޑަކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރެއްވިއެވެ. މި ހަވީރުތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދެވުނެވެ.

މި ހަރަކާތްތަކުގެ ތެރޭގައި މަޝްހޫރު ޓީވީ ކެރެކްޓަރސްއާއި މެސްކޮޓުތަކުގެ ހާޒިރީއާއި، ކުޑަކުދިން ސްޓޭޖް މަތިން ހުށަހެޅި އެކިއެކި ޝޯތައް ހިމެނުނެވެ. ހަރަކާތްތަކުގައި ބައިވެރިވި ކުޑަކުދިންގެ ތެރެއިން ކުއްޖަކު ފާހަގަކުރި ގޮތުގައި، "މިކަހަލަ ދުވަހެއް ފާހަގަކުރާތީ ވަރަށް އުފާވޭ، އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރުވެރިވަން" އެވެ.

މި ހަރަކާތްތައް އިންތިޒާމުކުރުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެންމެ އިސް ދައުރެއް އަދާކޮށްފައިވާއިރު، ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މިއީ ތައުލީމީ ވުޒާރާއިން ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އިސްނަގައިގެން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ހަރަކާތްތަކުން ކުޑަކުދިންނަށް އުފާވެރި ތަޖުރިބާތަކެއް ހޯދައިދެވިފައިވާކަން ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު