އެކި މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، "ވާނުވާ ބަންދު"ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ޙައްލަކީ، މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމަށާއި، އެކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަންދެއްވާފައި މި ވަނީ، ރައްޔިތުންގެ މެދުގައި އެއިރެއްގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވެވަޑައިގަތުމަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
"ވާނުވާ ބަންދު"ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ޙައްލަކީ މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމުގައި ވާއިރު، މައްސަލަތައް އަވަހަށް ބަލައި ނިންމުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރަށް ކޮށްދެވޭނެ ކަމަކަށް އޮތީ ޖާގައާއި ވަޞީލަތުގެ ގޮތުން ފޯރުކޮށްދެވެން އޮތް އެހީއެއް ފޯރުކޮށްދިނުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހުށަހެޅޭ މައްސަލަތައް ރަނގަޅަށް ބަލައި، އިންސާފުވެރިކަމާއެކު އަވަހަށް ނިންމުމަކީ ޝަރުޢީ ދާއިރާގެ ތެރެއިން ކުރައްވަންޖެހޭ ކަމެއް ކަމަށާ، މިކަންކަން ކުރުމަށް، މާތް ﷲގެ އިރާދަފުޅާއެކު، ޝަރުޢީ ދާއިރާއަށް ސަރުކާރުން މަގުފަހިކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
“Rayyithunnaa Eku” podcast episode 5
YouTube: https://t.co/frlvUUl9IJ
Spotify: https://t.co/v0qkrhXbtE pic.twitter.com/qM6sHsPqvW— The President's Office (@presidencymv) May 8, 2025
އެގޮތުން، ހުޅުމާލޭގައި ތަރައްޤީ ކުރެވެމުންދާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތްތައް މުޅިން ނިމޭއިރު، ޝަރުޢީ ދާއިރާއަށް އިދާރީ ގޮތުން ބޭނުންވާ އެހީތެރިކަންވެސް ސަރުކާރުން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައިއެވެ. މިއާއެކު، އެއްފަހަރާ ގިނަ މަސައްލަތަކެއް ބެލުމުގެ ފުރުޞަތު ފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ވާނުވާ ބަންދު"ގައި މިވަގުތު 300 އެތައް ބަޔަކު ތިބިއިރު، ހައެއްކަ އަހަރުގެ މުއްދަތެއް ބަންދުގައި ހޭދަކޮށްފައިވާ މީހުން އޭގެތެރޭގައި އެބަތިބި ކަމަށާ، މިފަދަ ގޮތަކަށް ތިބެން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގައި ފުރިހަމަ ކަފާލާތުގެ ނިޒާމެއް ޤާއިމުކުރެވިގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައިވެސް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާފައި ވާ ކަމެކެވެ. މިވަގުތު ޤާނޫނީ އިމުގެ ތެރެއިން ކަފާލާތު ލިބުމަށް އޮންނަނީ ހަނި ފުރުޞަތެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މައްސަލައަށް ފުރިހަމަ ގޮތެއްގައި، ވަށާޖެހޭ ޙައްލެއް ގެނައުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް މިހާރުވެސް ކުރިއަށް ދާ ކަމަށެވެ.
ކުށުގެ ތުހުމަތުގައި މީހަކު ބަހައްޓާފައި ހުންނަ ތަނަކީ އިންސާނީ ކަރާމާތް ހިމާޔަތްކުރެވޭ ތަނަކަށް ވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް ލިބިވަޑައިގެންފައިވާ މަޢުލޫމާތަށް ބަލާއިރު، ކުށުގެ ތުހުމަތުގައި ބައެއް މީހުން މިވަގުތު ތިބި ތަންތަނުގެ ހާލަތު ދަށްކަމަށާއި، އިންސާނީ ކަރަމާތްވެސް ހިމާޔަތް ކުރެވޭނެ ހާލަތު، އެތަންތަނުގައި ނެތްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިއީ ވަރަށް ސީރިއަސްކަމާއެކު ބައްލަވާނެ މައްސަލައެއް ކަމަށާ، ކުށުގެ ތުހުމަތުގައި ބައިތިއްބާފައި ތިބޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ވާނުވާ ބަންދު"ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް މިހާރުން މިހާރަށް ހޯދެންހުރި ޙައްލުތައް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ކުށުގެ ތުހުމަތުގެ ބަންދުގައި ތިބި މީހުންގެ ތެރެއިން އެންމެ މަދުވެގެން 3 ބައިކުޅަ 1 ބައި މީހުންނަކީ އިލެކްޓްރޯނިކް މޮނިޓަރިންގް ސިސްޓަމެއް ނުވަތަ އެފަދަ މޮނިޓަރ ކުރެވޭނެ ނިޒާމެއްގެ ތެރެއިން ދޫދެވޭ މީހުންނަށް ހެދުމަށްޓަކައި ބަލަންޖެހޭ ކަންކަން ބެލުމަށް، މިހާރުވެސް ދިވެހި ފުލުހުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީ.ޖީ) އޮފީސް އަދި ބަންޑާރަނައިބު (އޭ.ޖީ) އޮފީހާ ޙަވާލުކުރައްވާފައި ވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ކުދި ކުށް ނުވަތަ ބަލިކަށި ހެކި ހުރި ފަރާތްތަކުގެ ކޭސްތައް ވަކިވަކީން ބެލުމަށްވެސް، ޕީ.ޖީ އޮފީހަށް އަންގަވާފައި ވާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިހާރު މި ރާއްޖޭގައި އޮތީ އަގުބޮޑު ކަފާލާތުގެ ނިޒާމެއް ކަމަށާ، އެ ޤާބިލުކަން ހުރި ފަރާތްތަކަށް އެ ފުރުޞަތު އޮތް ކަމުގައި ވީ ނަމަވެސް އެ ފުރުޞަތު އޮންނަނީ ބޮޑެތި ނޫން ކުށްތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ފަދަ ގޮތްގޮތަށް ދެވޭ ލުއިތަކުގައި، ޖިންސީ ކުށުގެ ތުހުމަތުގައި، ވަކިން ޚާއްޞަކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ތިބި ފަރާތްތަކަށް ލުއިދެވޭނެ ގޮތެއް ނޯންނާނެ ކަމުގައިވެސް ރައީސުލްޖުމްޖޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުން، ނުވަތަ "ވާނުވާ ބަންދު"ގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. އެގޮތުން މިކަމާއި ގުޅޭ ދެ ފޯރަމެއް މިއަހަރުވެސް ވަނީ ކުރިއަށް ގެންދަވާފައެވެ. ފުރަތަމަ ފޯރަމް ޚާއްޞަކުރެއްވީ ޝަރުޢީ ދާއިރާ ފިޔަވާ މިކަމުގައި ހިމެނޭ އެހެން ފަރާތްތަކަށެވެ. އަދި ދެވަނަ ފޯރަމް ކުރިއަށް ގެންދެވީ ޝަރުޢީ ދާއިރާއަށް އަމާޒުކުރައްވައިގެންނެވެ.
މި ލިޔުން ކިޔާލުމުން