Monday, November 2
ރައީސްގެ ދެކަނބަލުން ކުޑަކުދިންގެ ހަވީރުގެ ކުޅިވަރުތައް ބައްލަވާލައްވައިފި

ތައުލީމީ ވުޒާރާއިން އިސްނަންގަވައިގެން ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދެވި ހަރަކާތްތަކުގެ ތެރެއިން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ޒިޔާރަތް ކުރައްވައިފިއެވެ.

މި ހަވީރުގެ ހަރަކާތް އޮތް ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ތައުލީމީ ވުޒާރާގެ އިސްވެރިންނާއި ސްކޫލުތަކުގެ އިސްވެރިންނެވެ. އަދި މި ހަވީރުގައި، ދަރިވަރުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ހަދިޔާއެއް އަރުވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ހަވީރުގައި ބެހެއްޓިފައިވާ ސްޓޯލްތައް ބައްލަވައިލައްވައި، ދަރިވަރުން ހުށަހެޅި ސްޓޭޖް ހަރަކާތްތައް ވެސް ބައްލަވައިލައްވާފައެވެ. މީގެއިތުރުން، ހަވީރުގައި ބައިވެރިވި ކުދިންނާއި އެ ކުދިންގެ ޢާއިލާތަކާވެސް ބައްދަލުކުރައްވާފައިވެއެވެ.

ހުރިހާ ސްކޫލަކަށް އެހީތެރިކަން ފޯރުކޮށްދެއްވައިގެން މި އަހަރުގެ ކުޑަކުދިންގެ ދުވަސް މިފަދަ ގޮތަކަށް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ، ދުވަހުގެ ހަރަކާތްތަކުގައި ކުދިންނާއެކު އެކުދިންގެ އާއިލާތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހަރަކާތްތައް ކުރިއަށް ގެންދެވުމެވެ. މި ހަވީރުގައި ކުޑަކުދިންނަށް ޝައުޤުވެރިކަން ހުރި ތަޢުލީމީ ހަރަކާތްތަކާއި، މަޖާ ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ހިމެނެއެވެ.

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުގައިވެސް ޕޯސްޓެއް ޙިއްޞާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު