ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނު ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީ، ހިޒްބުﷲގެ ރަޟްވާން ފޯސްގެ ކޮމާންޑަރެއް ކަމަށްވާ މާލިކް ބަލޫ މަރާލާފައިވާ ކަމަށް އިޒްރޭލުން ބުނެފިއެވެ.
ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަމަލާ އަމާޒުކޮށްފައިވަނީ ބެއިރޫތުގެ ދެކުނު ސަރަހައްދެއް ކަމަށްވާ ޣުބައިރީ އަށެވެ. މި ހަމަލާއާއެކު ބާރުގަދަ ގޮވުމެއްގެ އަޑު އިވި، އެ ސަރަހައްދުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ހަމަލާ ދިންކަން ކަށަވަރުކޮށްދީފައެވެ. އޭނާ ބުނި ގޮތުގައި މި ހަމަލާ ދީފައިވަނީ އޭނާއާއި ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ސިފައިންނަށް ދިން ސީދާ އިރުޝާދުގެ ދަށުންނެވެ.
ޓެލެގްރާމްގައި ކުރި ޕޯސްޓެއްގައި ނަތަންޔާހޫ ބުނެފައިވަނީ، އިޒްރޭލުގެ ރަށްތަކަށް ހަމަލާދީ ސިފައިންނަށް ގެއްލުން ދިނުމުގެ ޒިންމާ އުފުލަންޖެހޭނީ ރަޟްވާން ފޯސްގެ ހަނގުރާމަވެރިން ކަމަށެވެ. އަދި އެއްވެސް މީހަކަށް މާފެއް ނެތް ކަމަށާއި، އިޒްރޭލުގެ އަތް ކޮންމެ ދުޝްމަނަކާ ހަމައަށްވެސް ފޯރާނެ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން އިޒްރޭލުގެ އުތުރުގެ ރަށްތަކުގެ ރައްޔިތުންނަށް އަމާންކަން ހޯދައިދޭނެ ކަމަށް ބުނެ އޭނާ ވަނީ ބުނެފައެވެ.
މިއީ އޭޕްރީލް 17 ގައި އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރި ފަހުން، ބެއިރޫތުގެ ދެކުނު ސަރަހައްދަށް ދިން ފުރަތަމަ ހަމަލާއެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން، ދެފަރާތުންވެސް ދަނީ އެއްބަސްވުމާ ހިލާފުވަމުންދާ ކަމުގެ ތުހުމަތު އެކަކު އަނެކަކަށް ކުރަމުންނެވެ.
އިޒްރޭލުން ކޮމާންޑަރު މާލިކް ބަލޫ އަވަހާރަކޮށްލި ކަމަށް ބުނާ ބުނުމާ ގުޅޭގޮތުން ހިޒްބުﷲ އިން އަދި މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.




