Monday, November 16
މަގުމަތީގެ ނުރައްކާތެރި ހާދިސާތައް ހުއްޓުވަން ފުލުހުން ފިޔަވަޅުތައް ހަރުކަށިކުރަނީ
ޓްރެފިކް ގާނޫނުތަކާއި ގަވާއިދުތަކަށް ތަކުރާރުކޮށް ޚިލާފުވާ މީހުންނާ ދެކޮޅަށް ޚާއްސަ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ސީޕީ ވިދާޅުވީ، މަގުމަތީގެ އާންމު އުސޫލުތަކަށް ބޯނުލަނބާ މަދު ބައެއްގެ ސަބަބުން ގިނަ މީހުންގެ ހައްގުތައް ގެއްލި، ނުރައްކާތެރި ހާދިސާތައް ތަކުރާރުވަމުންދާ ކަމަށެވެ. އެހެންވެ، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އެންމެ މަތީ ދަރަޖައިގައި ފިޔަވަޅުތައް އެޅުމަށް ފުލުހުންގެ އެކި ބަހާތަކަށް މިހާރު ވަނީ އަންގަވާފައެވެ.

މި ފިޔަވަޅުތަކަކީ މަގުތަކަކީ އެންމެންނަށްވެސް ރައްކާތެރި އަމާން ތަނަކަށް ހެދުމަށާއި، ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަށް އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމުގެ މަގުސަދުގައި ކުރިއަށްގެންދާ ކަމެއް ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ. އަދި ގްރޭޓާ މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގައިވެސް މި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވިދާޅުވެ، އެންމެހާ ރައްޔިތުންގެ އެއްބާރުލުމަށް ސީޕީ އިލްތިމާސްކުރެއްވިއެވެ.

ފަހަކަށް އައިސް މާލެއާއި ބުރިޖު ސަރަހައްދުގައި ނުރައްކާތެރިކޮށް ބާރަށް ދުއްވުމުގެ މައްސަލަތަކާއި، އެކްސިޑެންޓުތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައްވެ ފުރާނަ ގެއްލޭ ހާދިސާތައް ވަނީ އިތުރުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު