އެމެރިކާއިން ސައުދީ އަރަބިއްޔާއަށް އެފް-35 ވިއްކާނެ ކަމަށް ބުނެފިއެވެ. ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ދަތުރުފުޅުގެކުރިން މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއެވެ.
ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ އެކު ވައިޓް ހައުސްގައި ބާއްވާބައްދަލުވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީއަށް އެފް-35 ފަޔަރ ޖެޓް ވިއްކާނެ ވާހަކަ ވަނީ އިއުލާން ކޮށްފައެވެ.
ޓްރަމްޕާއި ވަލީއަހުދު މީގެ ކުރިން ވެސް ވަނީ މެއި މަހު ރިޔާޟްގައި ބައްދަލުކޮށްފަ އެވެ. އެ ދަތުރުގައި ދެގައުމުން އެއްބަސްވި 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޑީލް ތެރޭގައި ވައިޓް ހައުސްއިން ސިފަކުރާ ގޮތުގައި އެމެރިކާގެ ތާރީހުގައި ވެސް އެންމެ ބޮޑުޑިފެންސް ސޭލްސް އެގްރީމަންޓް ހިމެނެއެވެ. އެއީ ގާތްގަނޑަކަށް 142 ބިލިއަން ޑޮލަރު ގެ ހަތިޔާރު ސައުދީ އަރަބިއްޔާއަށް ވިއްކުމަށް އޭގެތެރެއިން އެއްބަސްވެފައިވާތިއެވެ. އެމެރިކާގެ ހަތިޔާރު އެންމެ ގިނައިން ގަންނަ އެއް ގައުމަކީ ސައުދިއަރަބިއްޔާ އެވެ.
އެމެރިކާގެ ބައެއް ޑިފެންސް އޮފިޝަލުން ވަނީ ދުނިޔޭގެ އެންމެ ޒަމާނީ ފަޔަރ ޖެޓްކަމަށް ބެލެވޭ އެފް-35 ސައުދީ އަރަބިއްޔާއަށް ވިއްކާފާނެތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެކަމުގެ ސަބަބުން ސައުދީއަރަބިއްޔާއަށް ނާޒުކު ސްޓެލްތު ޓެކްނޮލޮޖީ ލިބޭނެ ކަމުގެ ބިރު އެބައޮތެވެ.އަދި އެޓެކްނޮލޮޖީ ސައުދީއަށް ޗައިނާއާ ހިއްސާ ކުރެވިދާނެއެވެ.
އިސްރާއީލުގެ އޮފިޝަލުން ވެސް ކަންބޮޑުވެ، އެމެރިކާ އާއި ލޯކަލް މީޑިއާތަކަށް ބުނީއެއްބަސްވުމަކުން އެގައުމުގެ އަސްކަރީ މަގާމަށް ގެއްލުން ލިބުމުގެ ފުރުސަތު އޮތްކަމަށެވެ. އިޒްރޭލަކީ މެދުއިރުމަތީގައި އެމެރިކާގެ އެންމެ ގާތް އެކުވެރި އަދި މިސަރަހައްދުގައި އެފް-35 ގެންގުޅޭ ހަމައެކަނި ގައުމެވެ.
އެފް-35އޭ ޖެޓެއްގެ އަގު އެވްރެޖްކޮށް 82.5 މިލިއަން ޑޮލަރަށް އަރާ ކަމަށް ލީޑްމެނުފެކްޗަރު ލޮކްހީޑް މާޓިން އިން ބުނެ އެވެ.
އަންގާރަ ދުވަހުގެ ބައްދަލުވުމުގައި ޓްރަމްޕް އުފެއްދެވި އަބްރަހަމް އެކޯޑްސް އެއްބަސްވުންތަކުގައިސޮއިކޮށް އިސްރާއީލާ ގުޅުން އާންމު ކުރުމަށް ވެސް ސައުދީ އަރަބިއްޔާއަށް ބާރުއަޅުއްވާނެއެވެ.






