ފަތުރުވެރިން ގޮވައިގެން ދަތުރުކުރި މިސްރުގެ ބޯޓެއް ރަތްކަނޑަށް ބަންޑުން ޖަހާލައިފި އެވެ.
މިސްރުގެ އޮފިޝަލުން ބުނިގޮތުގައި މި ހާދިސާގައި 16 މީހުން ކަނޑުގެ ތެރެއަށް ގެއްލި، 28 މީހަަކު ވަނީ ސަލާމަތް ކުރެވިފައި ކަމަށެވެ.
ސީ ސްޓޯރީ ނަމަކަށް ކިޔާ މި ބޯޓު ބަންޑުން ޖަހާލައިގެން ގެއްލުނު މީހުންގެ ތެރޭގައި މިސްރު، އަދި ފިންލޭންޑުގެ މީހުންވެސް ހިމެނޭ ކަމަށް ރިޕޯޓު ތަކުން ބުނެއެވެ.
ރަތް ކަނޑުގެ ގަވަރުނަރު ކަަމަށްވާ އަމްރު ހަނަފީ ބުނީ މި ހާދިސާ ހިނގި ވަގުތު ޓެކްނިކަލް އެއްވެސް ގޯހެއް ނެތް ކަމަށާއި، ލަފާކުރެވޭ ގޮތުގައި ބޯޓު ބަންޑުން ޖަހާލާފައިވަނީ ބޮޑު ރާޅެއް އަރައިގެން ކަމަށެވެ. އަދި ރާޅު އެރިތާ 5 ނޫނީ 7 މިނެޓުގެ ތެރޭގައި ބޯޓު ބަންޑުން ޖަހާލި ކަމަށް އޭނާ ބުންޔެވެ.
މި ހާދިސާގައި ސަލާމާތްވި 28 މީހުންގެ ތެރެއިން 9 މީހުން، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައި ވާއިރު އަނެއް 19 މީހުންނަށް އަދިވެސް ދަނީ އެޑްމިޓުކޮށްގެން ފަރުވާ ދެމުންނެވެ. މި ހުރިހާ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި އެ ބޯޓުން ގެއްލުނު މީހުން ހޯދުމަށް މިސްރުގެ ނޭވީއާއި މިލިޓަރީ ފްލައިޓުތައް އެ ސަރަހައްދުގައި މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ލިޔުން ކިޔާލުމުން