ޕްރިމިއާ ލީގުގައި ކެޕްޓަން ބްރޫނޯ ފެނާންޑެޒް ހެދި ހެޓްރިކާއެކު، ފަހަތުން އަރައި 5-2 އިން އިޕްސްވިޗް ޓައުން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުން ހޯދި ކާމިޔާބީއާއެކު، ސީޒަނުގެ ފުރަތަމަ މެޗުން ބަލިވި ޔުނައިޓެޑް މިހާރު ވަނީ ލީގު ތާވަލުގެ 10 ވަނައަށް ކުރިއަށް ޖެހިލާފައެވެ.
މެޗުގެ 29 ވަނަ މިނެޓުގައި އަބްދުލް ފަތާވޫގެ އެހީތެރިކަމާއެކު ލީފް ޑޭވިސް ޖެހި ލަނޑުން އިޕްސްވިޗުން ވަނީ ލީޑު ނަގާފައެވެ. އަދި ޑިސެމްބަރު 2024 ގެ ފަހުން ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިގައި ކުޅެން ނުކުތް މާކަސް ރަޝްފޯޑަށް ލިބުނު ފުރުސަތު އޭނާއަށް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، އިދިކޮޅު ކުޅުންތެރިޔާ މާސެލީނޯ ނޫނޭޒް ހެދި ގޯހެއްގެ ފައިދާ ނަގައި، މަތެއުސް ކޫނިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ކެޕްޓަން ބްރޫނޯ ފެނާންޑެޒް ވަނީ ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެވަނަ ހާފު ފެށިގެން 56 ވަނަ މިނެޓުގައި ހެރީ މެގުއާއާ ފޮނުވާލި ބޯޅައެއް ޖޭކޮބް ގްރީވްސް ގައިގައި ޖެހި ބައިކޮޅަށް ވަދެ ޔުނައިޓެޑަށް ލީޑު ލިބުނުއިރު، އޭގެ ފަސް މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑެޒް ވަނީ ލީޑު ފުޅާކޮށްދީފައެވެ. އަދި 68 ވަނަ މިނެޓުގައި ބްރަޔަން އެމްބުއޭމޯ ޖެހި ބޯޅައެއް ރީބައުންސްވި ވަގުތު ގޯލަށް ވައްދާލައިގެން ފެނާންޑެޒް ވަނީ 2021 ގެ ފަހުން އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މެޗު ނިމެން ކައިރިވެފައި ވަނިކޮށް ފެނާންޑެޒްގެ އެހީތެރިކަމާއެކު އެމްބުއޭމޯ ޔުނައިޓެޑްގެ ފަސްވަނަ ލަނޑު ކާމިޔާބުކުރިއެވެ. އިތުރު ވަގުތުގައި ޗޫބާ އަކްޕޮމް އިޕްސްވިޗަށް ދެވަނަ ލަނޑު ޖަހައިދިން ނަމަވެސް، މި މެޗުން ބަލިވުމާއެކު އިޕްސްވިޗް ވަނީ ތާވަލުގެ 12 ވަނައަށް ވެއްޓިފައެވެ.



