ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ.ވައިޓްޑައިމަންޑް، އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޖަމީލާ ޢަލީ ޚާލިދު ސަފީރުކަމަށް ޢައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް، ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމުގައި ހުންނެވި ޖަމީލާ ޢަލީ ޚާލިދު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި އޮގަސްޓު މަހުގެ 26 ވަނަ ދުވަހުއެވެ. އެ މަޤާމަށް ޖަމީލާ ޢައްޔަންކުރަން ފާސްވީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާޤުންނެވެ.
ޖަމީލާ ޢަލީ ޚާލިދަކީ ދައުލަތުގެ ތަފާތު މުހިންމު ދާއިރާތަކެއްގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން 2017 އިން 2019 އަށް ޖަރުމަނުވިލާތުގައި ހުންނެވި ރާއްޖޭގެ ފުރަތަމަ ސަފީރުގެ މަޤާމު އަދާކުރެއްވުމުގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސްކަމާއި، ތަޢުލީމީ ދާއިރާގެ އިތުރުން މީޑިއާގެ ދާއިރާގައިވެސް އޭނާ ވަނީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.



