މ. މަޑުއްވަރީގައި މުޅިން އަލަށް ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.
މަޑުއްވަރީގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢުއެވެ. މި ކޯޓު ހުޅުވުމަށްފަހު، އެކަން ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި އެކުވެރިކަމުގެ ވޮލީ މެޗެއްވެސް ވަނީ ކުޅެފައެވެ.
ވޮލީ ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ރާފިޢު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އުއްމީދަކީ މަޑުއްވަރީގައި ހުޅުވުނު މި ވޮލީ ކޯޓުގެ ސަބަބުން ގައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައިވެސް ރާއްޖެ ތަމްސީލުކުރާނެ މޮޅެތި ވޮލީ ކުޅުންތެރިންތަކެއް އެ ރަށުން އުފެދިގެން ދިއުން ކަމަށެވެ. އަދި ރަށުގެ އެންމެހާ ރައްޔިތުންވެސް މި ވޮލީ ކޯޓުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ޒިންމާދާރުކަމާއެކު ހިފުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.
ކުޅިވަރުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، "އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރާ އެއް ހަގީގަތަކީ ކުޅިވަރަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ކުޅޭ އެއްޗެއް ނޫންކަން. ކުޅިވަރަކީ މުޖުތަމައުގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން ދަމަހައްޓައިދޭ، އަހުލާގާ ސުލޫކު ރަނގަޅުކޮށްދޭ އަދި މުޖުތަމައުގެ އެއްބައިވަންތަކަން އާލާކޮށްދޭ މުހިންމު ވަސީލަތެއް،" ކަމަށެވެ.
މީގެއިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރުމުގައި ސާބިތުކަމާއެކު ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަތޮޅުތެރޭގެ އެކި ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށް، ވޮލީ ކޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާރުވެސް ރާއްޖޭގެ 10 ރަށެއްގައި ވޮލީ ކޯޓު ހެދުމުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.



