ފްރާންސްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި އަދި ރިއާލް މެޑްރިޑަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު ޒައިނުއްދީން ޒިދާން، ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ހަމަޖައްސައިފިއެވެ.
ޒިދާން މި މަގާމާ ހަވާލުވެފައިވަނީ، ފާއިތުވި 14 އަހަރު އެ ޓީމަށް އިރުޝާދުދިން ޑިޑީއޭ ޑެޝޯމްޕް 2026 ވަނަ އަހަރުގެ ވޯރލްޑް ކަޕަށްފަހު މަގާމުން ވަކިވުމާ ގުޅިގެންނެވެ.
އުމުރުން 54 އަހަރުގެ ޒިދާން ސޮއިކޮށްފައިވާ އައު އެއްބަސްވުމުގެ ދަށުން، 2030 ވަނަ އަހަރުގެ ވާރލްޑް ކަޕް ކޮލިފައިން ނިމެންދެން އޭނާ ޓީމަށް އިރުޝާދު ދޭނެއެވެ. ގައުމީ ޓީމާ ހަވާލުވުމަށްފަހު ޒިދާން ބުނީ، "ގައުމީ ޓީމާ ހަވާލުވުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއް" ކަމަށާއި، ޓީމާ މެދު ބޮޑެތި އުއްމީދުތަކެއް އޮތް ކަމަށެވެ.
މަގާމުން ވަކިވި ޑެޝޯމްޕްއަކީ ފްރާންސްގެ ފުޓްބޯޅަ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާގެ އިރުޝާދުގެ ދަށުން ފްރާންސް ޓީމު ވަނީ ބޮޑު ތިން ފައިނަލެއްގައި ކުޅެފައެވެ. އޭގެ ތެރޭގައި 2018 ވަނަ އަހަރުގެ ވޯރލްޑް ކަޕް ކާމިޔާބުކުރުން ހިމެނެއެވެ.
ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ކުޅޭނެ ފުރަތަމަ ރަސްމީ މެޗަކީ އަންނަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ނޭޝަންސްލީގުގައި ތުރުކީއާ ދެކޮޅަށް ކުޅޭ މެޗެވެ. މިއީ ރިއާލް މެޑްރިޑަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށްފަހު، ޒިދާން ކޯޗިންގް ދާއިރާއަށް އެނބުރި އައި ފުރަތަމަ ފަހަރެވެ.



