ބްރިކްސް ސަމިޓުގެ ކުރީ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ބޭއްވެވި މަޝްވަރާތަކުގައި، ކަނޑުދަތުރުފަތުރާއި ވިޔަފާރީގެ މިނިވަންކަމާއި، ކަނޑުފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފިއެވެ.
އިންޑިއާގެ ޚާރިޖިއްޔާއިން ހާމަކުރި ގޮތުގައި، ހުރިހާ މައްސަލަތަކެއް ވެސް މަޝްވަރާއާއި ޑިޕްލޮމެސީގެ ތެރެއިން ހައްލުކުރުމަށް މޯދީ ބާރުއެޅުއްވިއެވެ. އަދި ސަރަހައްދުގެ ސުލްހައާއި ހަމަޖެހުން ދެމެހެއްޓުމަށާއި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރުމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމެރިކާއާއި އީރާނާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދާ މި ދަނޑިވަޅުގައި، އިންޑިއާއިން ގެންގުޅެނީ ވަރަށް ބަލައިގެން އެކުލަވާލާފައިވާ ޚާރިޖީ ސިޔާސަތެކެވެ. މިއީ އީރާނާއެކު ތާރީޚީ ގުޅުމެއް، އިސްރާއީލާއެކު ވަރުގަދަ ސްޓްރެޓީޖިކް ގުޅުމެއް އަދި ގިނަ އަދަދެއްގެ އިންޑިއާ މީހުން ދިރިއުޅޭ އަރަބި ޤައުމުތަކާއެކު ގާތް ގުޅުމެއް އޮންނާތީއެވެ. މި ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރަށް ދެވޭ ހަމަލާތަކުގައި މިހާތަނަށް އިންޑިއާގެ މަދުވެގެން 10 މީހުން ވަނީ މަރުވެފައެވެ.
މިއީ ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި މޯދީ އާއި ޕެޒެޝްކިއާން ބައްދަލުކުރެއްވި ދެވަނަ ފަހަރެވެ. ކުރީގެ އެސްސީއޯ ސަމިޓުގައި އެމެރިކާއާއެކު އޮތް މައްސަލަތައް މަޝްވަރާއިން ހައްލުކުރަން ބޭނުންވާކަމަށް އީރާނުގެ ރައީސް ވިދާޅުވެފައިވާއިރު، އީރާނާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ކުށްވެރިކުރާ ޤަރާރުގައި އިންޑިއާއިން ވަނީ ސޮއިކޮށްފައެވެ.
ބްރިކްސް ބިޒްނަސް ފޯރަމްގައި މޯދީ ވަނީ ދުނިޔޭގެ ވިޔަފާރި ކުރިއެރުވުމަށް ކަނޑުގެ މަގުތަކާއި ކަނޑުފަޅުވެރިންގެ ރައްކާތެރިކަން މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް ޕެޒެޝްކިއާން ވަނީ އެއްވެސް ޤައުމެއްގެ ޝަރުޢީ ވިޔަފާރިއަށް ހުރަސްނޭޅޭނެ މާހައުލެއް ޤާއިމުކުރުމަށް ގޮވާލައްވާފައެވެ.
މި ލިޔުން ކިޔާލުމުން



