އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަންގެ އިސް މަޤާމުތަކާ ހަވާލުވިތާ އެންމެ 16 ދުވަސް ތެރޭގައި، އެ ޤައުމުގެ ފުޓްބޯޅަ ލެޖެންޑް ޕައޮލޯ މަލްޑީނީ އާއި ލިއޮނާޑޯ ކުއްލި ގޮތަކަށް މަޤާމުން އިސްތިއުފާ ދީފިއެވެ. މި ދެ ބޭފުޅުން މަޤާމުން ވަކިވާން ނިންމީ އިޓަލީގެ ޤައުމީ ޓީމުގެ ކޯޗަކަށް އަންދްރެއާ ޕިރްލޯ އައްޔަންކުރުމަށް ފެޑަރޭޝަނުން ދެކޮޅު ހެދުމާ ގުޅިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.
އިޓަލީގެ ކޯޗުކަމުގެ ރޭހުން ޕިރްލޯ އަމިއްލައަށް ވަކިވެފައިވާއިރު، އޭނާ މި ނިންމުން ނިންމީ ރަޝިއާގެ ބެޓިންގ ކުންފުންޏަކާއެކު އޮތް ވިޔަފާރި ގުޅުންތަކުގެ ސަބަބުންނެވެ. މި ގުޅުމުގެ ސަބަބުން އިޓަލީގެ ފުޓްބޯޅަ މީޑިއާ އާއި އާންމުންގެ ބޮޑު ފާޑުކިޔުމެއް ޕިރްލޯއަށް ވަނީ އަމާޒުވެފައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، އިޓަލީގެ ކޯޗުކަމަށް މީގެ ކުރިން މަލްޑީނީ ހުށަހެޅި ޕެޕް ގާޑިއޯލާ އެ ހުށަހެޅުން ޤަބޫލެއް ނުކުރިއެވެ. އެއަށްފަހު ދެން އިޚްތިޔާރުކުރި ޕިރްލޯގެ ނަންވެސް ކެންސަލްވުމުން، މަލްޑީނީ އާއި އޭނާގެ މުޝީރު ލިއޮނާޑޯ ވަނީ މަޤާމުގައި ދެމިތިބެން ބޭނުންނުވާކަން ހާމަކޮށްފައެވެ.
މި އިސްތިއުފާތަކުގެ ސަބަބުން ފެޑަރޭޝަނުގެ އާ ރައީސް ޖިއޮވާނީ މަލާގޯއަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ޖެހިޖެހިގެން ތިން ވޯލްޑް ކަޕަށް ކޮލިފައިނުވުމާއި ކްލަބްތަކުގެ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި، މިއީ އިޓަލީގެ ފުޓްބޯޅަ އަލުން ބިނާކުރުމަށް ކުރާ މަސައްކަތަށް އެޅުނު އިތުރު ހުރަހެކެވެ.



