ލިވަޕޫލްގެ ކުރީގެ ކޯޗު ޖާގަން ކްލޮޕް، ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމާ ރަސްމީކޮށް ހަވާލުވެއްޖެއެވެ. އުމުރުން 59 އަހަރުގެ ކްލޮޕް ޖަރުމަނު ފުޓްބޯޅަ ފެޑަރޭޝަން ޑީއެފްބީ އާއެކު ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށެވެ. މި މަގާމާ ހަވާލުވުމަށްފަހު ކްލޮޕް ބުނީ "ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށާއި، މިއީ ވަރަށް ބޮޑު މަސްއޫލިއްޔަތެއްކަން އިހުސާސްވާ" ކަމަށެވެ.
ޔާގަން ކްލޮޕްގެ މައިގަނޑު އަމާޒަކީ ބައިނަލްއަގުވާމީ ފުޓްބޯޅަ މައިދާނުގައި ޖަރުމަނު ގައުމީ ޓީމަށް ކުރިމަތިވަމުންދާ ދަށް ނަތީޖާތައް ބަދަލުކޮށް، ޓީމުގެ ކުޅުން އިތުރަށް ރަނގަޅު ކުރުމެވެ. އޭނާ ބޭނުންވަނީ ޖަރުމަނުގެ ގައުމީ ޓީމު އަލުން ކާމިޔާބު ދުވަސްތަކަކަށް ރުޖޫއަކޮށް، ދުނިޔޭގެ ފުޓްބޯޅައިގެ ކުރީގެ ވަރުގަދަ މަގާމަށް އެ ޓީމު ގެންގޮސްދިނުމަށެވެ.
ޖަރުމަނު ޓީމުގެ ހާލަތަށް ބަލާއިރު، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން އެ ގައުމަށް ވަނީ ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ބުރުން އެ ޓީމު ކަޓާފައިވާއިރު، އެންމެ ފަހުން ބޭއްވި ބޮޑު ފަސް މުބާރާތެއްގައި އެ ޓީމަށް ކާމިޔާބުކުރެވުނީ އެންމެ ނޮކައުޓް މެޗެއްކަން ފާހަގަކުރެވެއެވެ.
މި މަގާމަށް ކްލޮޕް އައްޔަންކޮށްފައިވަނީ، މި އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރި ބުރުން ޕެރަގުއާއީ އަތުން ބަލިވެ މުބާރާތުން ކެޓުމާ ގުޅިގެން ކުރީގެ ކޯޗު ޖޫލިއަން ނާގަލްސްމަން މަގާމުން ވަކިކުރުމަށްފަހުއެވެ.ކްލޮޕް ބުނެފައިވާ ގޮތުގައި އޭނާގެ މަސައްކަތް ކާމިޔާބުނުވެއްޖެ ނަމަ، ވަކިވުމުގެ އިނާޔަތެއް ނުނަގާ މަގާމުން ވަކިވާން އޭނާ ހުރީ ތައްޔާރަށެވެ. މީގެ އިތުރުން މީޑިއާތަކުން އޭނާގެ އާއިލާއަށް އުނދަގޫކުރާ ނަމަ މަގާމުން އިސްތިއުފާ ދޭނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދީފައެވެ.
ކްލޮޕް މި މަގާމާ ހަވާލުވިއިރު، އޭނާ ހުރީ 2025 އިން ފެށިގެން ރެޑް ބުލްގެ "ހެޑް އޮފް ގްލޯބަލް ސޮކާ" ގެ މަގާމުގައެވެ. އޭނާ ގައުމީ ޓީމަށް ގެނައުމަށްޓަކައި ޖަރުމަނު ފެޑަރޭޝަނުން ވަނީ ރެޑް ބުލްއާ ގުޅުންހުރި "ވިންގްސް ފޯ ލައިފް" ޗެރިޓީ ފަންޑަށް 1 މިލިއަން އީރޯ ހަދިޔާކުރުމަށާއި، ޖަރުމަނު ގައުމީ ޓީމުގެ ތިން މެޗު ލައިޕްޒިގްގައި ކުޅުމަށް އެއްބަސްވެފައެވެ.
މައިންޒް، ޑޯޓްމަންޑް އަދި ލިވަޕޫލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ ކްލޮޕްގެ ފުރަތަމަ އިމްތިހާނަކަށް ވާނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން 11 ދުވަސް ތެރޭ ނެދަލޭންޑްސް، ގްރީސް އަދި ސާބިއާއާ ދެކޮޅަށް ޖަރުމަނުން ހަތަރު މެޗު ކުޅޭނެއެވެ



