ފީފާ ވޯލްޑް ކަޕުގެ ތާރީޚުގައި މިހާތަނަށް އެއްވެސް ކުޅުންތެރިއަކަށް ހެދިފައިނުވާ ފަދަ ބޮޑު އަދި ތާރީޚީ ރެކޯޑެއް ހެދުމުގެ ފުރުސަތެއް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް މިރޭ އެބައޮތެވެ. މިރޭ ކުޅޭ ފޯރިގަދަ ފައިނަލް މެޗަކީ މެސީގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ކުޅޭނެ ތިންވަނަ ވޯލްޑް ކަޕް ފައިނަލެވެ.އެހެންކަމުން، މިރޭގެ ފައިނަލް މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މެސީ ކުޅެން އަރައިފިނަމަ، އޭނާ ވެގެންދާނީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް ތަފާތު ތިން ވޯލްޑް ކަޕެއްގެ ފައިނަލް މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭ ފުރަތަމަ އަދި ހަމައެކަނި ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން މެސީ ވަނީ 2014،2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ވެސް ކުޅެފައެވެ.
މިރޭގެ މެޗާއެކު މެސީ ވެގެންދާނީ ވޯލްޑް ކަޕެއްގެ ތިން ފައިނަލް މެޗުގައި ކުޅޭ ތާރީޚީ ދެވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ރެކޯޑް ހަމައެކަނި އޮންނަނީ ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުލްބެކް ކަފޫ އަތުގައެވެ. ކަފޫ ވަނީ ބްރެޒިލްއާއެކު 1994، 1998 އަދި 2002 ގެ ވޯލްޑް ކަޕް ފައިނަލްގައި ކުޅެފައެވެ. ނަމަވެސް، ކަފޫއަށްވުރެ ކުރިއަށް ޖެހިލައި، މުޅިން އާ ރެކޯޑެއް އަމިއްލަ ނަންމައްޗަށް ލިޔުމުގެ ފުރުސަތު މެސީއަށް މިރޭ އެބައޮތެވެ. 1994ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި އިޓަލީއާ ދެކޮޅަށް ބްރެޒިލް ކުޅެ، ޕެނަލްޓީ ޖަހައިގެން މޮޅުވި މެޗުގައި ކަފޫ ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
ވޯލްޑް ކަޕްގެ ދިގު ތާރީޚަށް ބަލާއިރު، ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާ ބްރެޒިލްގެ ޕެލޭ ތިން ފަހަރު މުބާރާތް ކާމިޔާބުކުރި ނަމަވެސް، އަނިޔާގެ ސަބަބުން 1962 ގެ ފައިނަލް ހިމެނޭހެން މުބާރާތުގެ ބޮޑުބަޔެއްގައި އޭނާއަށް ނުކުޅެވުނެވެ. މީގެ އިތުރުން ޖަރުމަނުގެ ލޮތާ މަތެއަސް އާއި ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ ވެސް ވަނީ ތިން ވޯލްޑް ކަޕެއްގެ ފައިނަލް ސްކޮޑުގައި ހިމެނިފައެވެ.
ނަމަވެސް ލޮތާ މަތެއަސްއަށް 1982 ވަނަ އަހަރުގެ ފައިނަލް މެޗުގައި ކުޅޭކަށް ފުރުސަތެއް ނުލިބެއެވެ. އަދި ރޮނާލްޑޯ ނަޒާރިއޯއަށް ބްރެޒިލް މޮޅުވި 1994 ވަނަ އަހަރުގެ ފައިނަލް މެޗުގައި ކުޅޭކަށް ފުރުސަތެއް ނުލިބުނެވެ. އެހެންކަމުން މި ކުޅުންތެރިންނަށް މި ޚާއްސަ ޝަރަފު ވަނީ ގެއްލިފައެވެ.
މުޅި ދުނިޔޭގެ ސަމާލުކަން މިރޭ އޮތީ މި ތާރީޚީ ވަގުތުކޮޅަށެވެ. މެސީގެ އިތުރުން މުޅި އާޖެންޓީނާގެ ޓީމާއި ސަޕޯޓަރުންގެ ހަމައެކަނި އުއްމީދަކީ، މި ތާރީޚީ ރެކޯޑާއެކު ވޯލްޑް ކަޕްގެ ރަންތަށި ދެވަނަފަހަރަށް އުފުލާލުމެވެ.



