ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ނޯވޭ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ނޯވޭ މި ތާރީޚީ ޖާގަ ކަށަވަރުކުރީ މޮޅު ކުޅުމެއް ކުޅެމުންދާ އާލިންގް ހާލަންޑް ކާމިޔާބުކޮށްދިން ދެ ގޯލާއި، ކީޕަރު އޮރްޔާން ނީލޭންޑްގެ ހުޝިޔާރު ސޭވްތަކާއެކު ބްރެޒިލް 2-1 އިން ބަލިކުރުމަށްފަހުއެވެ.
ނިއުޔޯކް ނިއުޖާޒީގައި ކުޅުނު މި ފޯރިގަދަ މެޗުގައި ހާލަންޑް ވަނީ މި މުބާރާތުގައި އޭނާ ޖެހި 6 ވަނަ އަދި 7 ވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މި ގޯލްތަކާއެކު އޭނާ ވަނީ ރަން ބޫޓުގެ ރޭހުގައި ކީލިއަން އެމްބާޕޭ އަދި ލިއޮނަލް މެސީއާ އެއްވަރުވެފައެވެ. މިއީ 1990 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ މިހާ ކުރީކޮޅު ބްރެޒިލް ކެޓި ފުރަތަމަ ފަހަރެވެ.
މެޗުގެ ކުރީކޮޅު ބްރެޒިލްއަށް ލީޑު ނަގަން ރަން ފުރުސަތެއް ލިބުނެވެ. ނޯވޭގެ ކްރިސްޓޮފާ އަޔާ، ބްރެޒިލްގެ މަތެއުސް ކުންހާއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ޕެނަލްޓީއެއް ދިން ނަމަވެސް، ބްރޫނޯ ގިމަރޭސް ފޮނުވާލި ހަމަލާ ނޯވޭގެ އުމުރުން 35 އަހަރުގެ ކީޕަރު ނީލޭންޑް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ޒުވާން ދުވަސްވަރު ހޭންޑްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އުޅުނު ނީލޭންޑް ވަނީ ފުރަތަމަ ހާފުގައި ވިނީޝިއަސް ޖޫނިއާ އާއި މާޓިނެލީ ފޮނުވާލި ނުރައްކާތެރި ހަމަލާތައްވެސް ހުއްޓުވާފައެވެ.
ނޯވޭއިން މެޗުގެ ލީޑު ނެގީ ބަދަލު ކުޅުންތެރިޔާ އެންޑްރިއަސް ޝްޖެލްޑަރަޕް ހުރަސްކޮށްދިން ބޯޅައަކުން ހާލަންޑް ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އުޅެނިކޮށް، ހާލަންޑް ވަނީ ބްރެޒިލްގެ ޑެނީލޯގެ ފައިދަށުން ބޯޅަ ފޮނުވާލައިގެން ނޯވޭގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. މެޗުގެ އިތުރު ވަގުތުގައި ނޭމާ ޕެނަލްޓީއަކުން ލަނޑެއް ޖެހި ނަމަވެސް، ބްރެޒިލްއަށް މެޗުގެ ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވިއެވެ.
ސްޓޭލް ސޮލްބާކެންގެ އިރުޝާދުގެ ދަށުން ކުޅޭ ނޯވޭ ޓީމު، ޖުލައި 11 ވާ ހޮނިހިރު ދުވަހު މިއާމީގައި ކުޅޭ ކުއާޓާ ފައިނަލް މެޗުގައި ބައްދަލުކުރާނީ އިންގްލެންޑާއެވެ.


