ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ޕެނަލްޓީއާއެކު ޕެރަގުއޭގެ މައްޗަށް ކުރިހޯދައި، ފްރާންސްއިން ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ. ފިލަޑެލްފިއާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން މޮޅުވެ، މުބާރާތުގެ ގަދަ އަށް ޓީމުގެ ތެރޭގައި ފްރާންސް ހިމެނުނުއިރު، ކުއާޓާ ފައިނަލްގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ މޮރޮކޯއާއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ފްރާންސްއިން ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުނު ނަމަވެސް، ޕެރަގުއޭގެ ވަރުގަދަ ދިފާއު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ގަދަ 16 އަށް ޖަރުމަނުވިލާތް ބަލިކޮށްފައި ދަތުރުކުރި ޕެރަގުއޭއިން ވަނީ ފްރާންސްގެ ހަމަލާތައް ހުށިޔާރުކަމާއެކު ހުއްޓުވާފައެވެ. އެގޮތުން ފްރާންސްގެ ކުޅުންތެރިން ދުރުން ފޮނުވާލި ހަމަލާތައް ޕެރަގުއޭގެ ގޯލްކީޕަރު އޮރްލާންޑޯ ގިލް ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން ފްރާންސްއިން ކުޅުން އިތުރަށް ވަރުގަދަކުރިއެވެ. އޮސްމާން ޑެމްބެލޭ ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، މަނޫ ކޯނޭ ފޮނުވާލި ބާރު ހަމަލާއެއް ކީޕަރު ގިލް ވަނީ ހުއްޓުވާފައެވެ. މެޗުގެ ނަތީޖާ ބަދަލުވީ 69 ވަނަ މިނެޓުގައި ފްރާންސްގެ ޑުއޭއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެންނެވެ. ވީއޭއާރް ބެލުމަށްފަހު ރެފްރީ ދިން މި ޕެނަލްޓީ ކީލިއަން އެމްބާޕޭ ވަނީ ކާމިޔާބުކޮށް ފްރާންސްއަށް ކުރިހޯދައިދީފައެވެ.
މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި އެމްބާޕޭ ކާމިޔާބުކުރި 7 ވަނަ ލަނޑެވެ. މި ލަނޑާއެކު އޭނާ ވަނީ ރަން ބޫޓުގެ ރޭހުގައި ލިއޮނަލް މެސީއާ އެއްވަރުވެފައެވެ. މީގެއިތުރުން، ވޯލްޑް ކަޕްގެ ތާރީޚުގައި މެސީ ޖަހާފައިވާ 20 ލަނޑުގެ ރެކޯޑާ އެމްބާޕޭ މިހާރު ހުރީ އެންމެ ލަނޑެއް ފަހަތުގައެވެ. މި މެޗާއެކު އެމްބާޕޭ ވަނީ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި 11 ލަނޑު ޖަހައި އާ ރެކޯޑެއް ގާއިމުކޮށް، ޖެހިޖެހިގެން ތިން ވޯލްޑް ކަޕެއްގެ ގަދަ 16 ގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
ދެ ފަހަރުގެ ދުނިޔޭގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސްއާއި މޮރޮކޯ ބައްދަލުކުރާ ފޯރިގަދަ ކުއާޓާ ފައިނަލް މެޗު އޮންނާނީ ޖުލައި 9 ވާ ބުރާސްފަތި ދުވަހު ބޮސްޓަން ސްޓޭޑިއަމްގައެވެ


