ކެނެޑާގެ ބީސީ ޕްލޭސް ވެންކޯވާ ސްޓޭޑިއަމްގައި ކުޅުނު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖްގެ މެޗުގައި ގަތަރުގެ މައްޗަށް 6-0 ގެ ބޮޑު ނަތީޖާއަކުން ކެނެޑާ ކުރިހޯދައިފިއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ކެނެޑާއިން ހޯދި ފުރަތަމަ މޮޅެވެ. މީގެ ކުރިން 1986 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކެނެޑާ ވާދަކުރި ނަމަވެސް، އެ ދެ ފަހަރުވެސް އެ ޓީމު ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ.
މެޗުގެ ކުރީކޮޅުން ފެށިގެން ކެނެޑާގެ ފަރާތުން ފެނުނީ ވަރުގަދަ ކުޅުމެކެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި ކައިލް ލަރިން ވަނީ ލަނޑެއް ޖަހައި ކެނެޑާއަށް ލީޑު ނަގައިދީފައެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑެވެ. އޭގެ ފަހުން 29 ވަނަ މިނެޓުގައި ޖޮނަތަން ޑޭވިޑް ވަނީ ކެނެޑާގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޮނަތަން ޑޭވިޑް ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު އިތުރަށް ފުޅާކޮށްފައެވެ.
މި މެޗުގައި ގަތަރުން އެއްވަރު ކުރެވޭތޯ މަސައްކަތް ކުރަނިކޮށް، އިތުރު ޕްރެޝަރަކާ ކުރިމަތިވީ މެޗުގެ 33 ވަނަ މިނެޓުގައި ގަތަރުގެ ޑިފެންޑަރު ހޮމާމް ކުރި ފައުލަކާ ގުޅިގެން ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ. މެޗުގެ ފަހު ހާފުގައި ގަތަރަށް އިތުރު ދަތިތަކާ ކުރިމަތިވީ 53 ވަނަ މިނެޓުގައި އެ ޓީމުގެ އާސިމް މަޑިބޯއަށް ރަތް ކާޑު ދެއްކުމުންނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ކެނެޑާގެ މިޑްފީލްޑަރު އިސްމާއިލް ކޯނޭއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
ދެކުޅުންތެރިން މަދުކޮށް ކުޅެމުންދިޔަ ގަތަރު ކޮޅަށް ކެނެޑާގެ ހަތަރުވަނަ ލަނޑު 64 ވަނަ މިނެޓުގައި ޖަހައިދީނީ ހިލޭ ޖެހުމަކުން ނަތަން ސަލީބާއެވެ. ކެނެޑާގެ ފަސްވަނަ ލަނޑަކީ 75 ވަނަ މިނެޓުގައި ގަތަރުގެ މުހައްމަދު މަނާއީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މެޗު ނިމެން ގާތްވެފައި ވަނިކޮށް ޖޮނަތަން ޑޭވިޑް ވަނީ އޭނާގެ ތިންވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ.
މި ނަތީޖާއާއެކު ކެނެޑާ މިހާރު އޮތީ ހަތަރު ޕޮއިންޓާއެކު ގްރޫޕް ބީގެ އެއްވަނައިގައެވެ. ސްވިޒަލެންޑަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ދެވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕްގެ ތިންވަނައިގައި އެއް ޕޮއިންޓާއެކު ބޮސްނިއާ އޮތްއިރު، ގަތަރު އޮތީ އެއް ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި ކެނެޑާ ނުކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ. އަދި ގަތަރު ބައްދަލުކުރާނީ ބޮސްނިއާއާއެވެ.




