ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ޓެރެރިސްޓް ހަމަލާތަކަށް 25 އަހަރު ފުރިގެންދިޔައިރު، އޭގެ ފަހުން ފެށުނު "ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ" ވެގެންގޮސްފައިވަނީ މުޅި ދުނިޔޭގެ ސިޔާސީ އަދި އިންސާނީ ހާލަތު އެކީ ބަދަލުކޮށްލި ކަމަކަށެވެ. އަލްޤާއިދާއިން ދިން ހަމަލާގައި ގާތްގަނޑަކަށް 3،000 އެއްހާ މީހުން މަރުވި ހާދިސާއަށްފަހު، އެމެރިކާ އިސްވެ ފެށި ސިލްސިލާ ހަނގުރާމަތަކުގެ ބުރަދަން އެންމެ ބޮޑަށް އުފުލަންޖެހުނީ މެދުއިރުމައްޗާއި ދެކުނު އޭޝިއާގެ އާންމު ރައްޔިތުންނަށެވެ.
ބްރައުން ޔުނިވަރސިޓީގެ "ކޮސްޓް އޮފް ވޯރ" ޕްރޮޖެކްޓުން ދައްކާ ގޮތުގައި، 2001 އިން ފެށިގެން އެމެރިކާގެ ހަނގުރާމަތަކުގެ ސަބަބުން ސީދާ އަދި ނުސީދާ ގޮތުން 4.5 އިން 4.7 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ހަނގުރާމައިގެ ހަމަލާތަކުގައި ސީދާ މަރުވި 940،000 އެއްހާ މީހުންނާއި، ބަލިމަޑުކަމާއި، ކާނާ ނުލިބުމާއި، ސިއްހީ ނިޒާމު ހަލާކުވުމުގެ ސަބަބުން ނުސީދާކޮށް މަރުވި 3.6 އިން 3.8 މިލިއަން މީހުން ހިމެނެއެވެ. މީގެ އިތުރުން، އަފްޣާނިސްތާން، އިރާގު، ޕާކިސްތާން، ޔަމަން، ސޯމާލިއާ އަދި ސޫރިޔާ ފަދަ ގައުމުތަކުން 38 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ރެފިއުޖީންނަށް ވެ ގެދޮރު ގެއްލިފައެވެ.
އަފްޣާނިސްތާނުގައި 20 އަހަރަށް ދެމިގެންދިޔަ ހަނގުރާމައިގައި ސީދާ 176،000 މީހުން މަރުވެފައިވާއިރު، ކާބޯތަކެތީގެ ރައްކާތެރިކަން ނެތް އާބާދީ ވަނީ 62 އިންސައްތައިން 92 އިންސައްތައަށް އިތުރުވެފައެވެ. އަދި 2021 ގައި އަނެއްކާވެސް ވެރިކަން ދިޔައީ ތާލިބާނުންގެ އަތްދަށަށެވެ. އިރާގުގައި 2003 ގައި ފެށި ހަނގުރާމައިގައި ސީދާ 315،000 މީހުން މަރުވެފައިވާއިރު، ހަނގުރާމަ ފެށުނުތާ ވިހި އަހަރު ފަހުންވެސް މިލިއަނަކަށް ވުރެ ގިނަ މީހުން ތިބީ ގެދޮރު ގެއްލިފައެވެ. މީގެ އިތުރުން، ޕާކިސްތާނުގައި ދިން ޑްރޯން ހަމަލާތަކުގައި 4,000 އާ ހަމައަށް މީހުން މަރުވި އިރު، ޔަމަން، ސޯމާލިއާ، ލީބިޔާ އަދި އައިއެސްއައިއެލްއާ ދެކޮޅަށް ދިން ހަމަލާތަކުގައި އެތައް ހާސް އާންމުންނެއް ވަނީ މަރުވެފައެވެ.
އެމެރިކާގެ އަސްކަރިއްޔާއަށް ވެސް މި ހަނގުރާމަތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަފްޣާނިސްތާނާއި އިރާގުގައި އެމެރިކާގެ 7،000 އަށް ވުރެ ގިނަ ސިފައިން މަރުވެ، 50،000 އަށް ވުރެ ގިނަ ސިފައިން ވަނީ ޒަޚަމްވެފައެވެ. އަދި ޕީޓީއެސްޑީ އާއި ނަފްސާނީ މައްސަލަތަކުގެ ސަބަބުން، ހަނގުރާމައިގެ މައިދާނުގައި މަރުވި އަދަދަށްވުރެ 4 ގުނަ އިތުރު އަދަދެއްގެ އެމެރިކާ ސިފައިންނާއި ވެޓެރަނުން ވަނީ އަމިއްލައަށް މަރުވެފައެވެ.
މާލީ ގޮތުން ބަލާއިރު، ހަނގުރާމަތަކުގެ އަމަލީ ހަރަކާތްތަކަށް އެކަނިވެސް 5.8 ޓްރިލިއަން ޑޮލަރު ހޭދަވެފައިވެއެވެ. އަދި 2050 އާ ހަމައަށް ވެޓެރަނުންގެ ފަރުވާއަށް އިތުރު 2.2 ޓްރިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވޭއިރު، ޖުމްލަ ޚަރަދު 8 ޓްރިލިއަން ޑޮލަރަށް އަރާނެއެވެ. 25 އަހަރު ފުރުނުއިރު، ބޭރު ގައުމުތަކަށް އަރައިގަނެގެން ކުރާ ހަނގުރާމަތަކަށް އާންމުންގެ ތާއީދު ކުޑަވި ނަމަވެސް، އަދިވެސް އެކި ސަރަހައްދުތަކުގައި އަސްކަރީ ހަމަލާތައް ކުރިއަށްދިއުމަކީ އިންސާނިއްޔަތަށް ލިބެމުންދާ ބޮޑު ނިކަމެތިކަމެކެވެ.
މި ލިޔުން ކިޔާލުމުން



