ޓައިން-ވީއާ ޑާބީ އަކީ އިނގިރޭސި ފުޓްބޯޅައިގެ އެންމެ ވާދަވެރި އަދި ފޯރިގަދަ އެއް ޑާބީ ނުވަތަ މެޗެވެ. ޓައިން ކޯރުގެ އައްސޭރީގައިވާ ނިއުކާސަލް އަދި ވިއާ ކޯރުގެ އައްސޭރީގައިވާ ސަންޑަލޭންޑްގެ ދެމެދު ކުޅެވޭ މި މެޗަކީ ފުޓްބޯޅައިގެ ވާދަވެރިކަަމަށްވުރެ ވުރެ ބޮޑަށް ފުޅާވެފައިވާ ވާދަވެރިކަމެކެވެ.
އެންމެ 12 މޭލުން ވަކިވެފައިވާ ދެ ސަރަހައްދަށް ނިސްބަތްވާ މި ދެ ކްލަބަކީ އިނގިރޭސި ދާޙިލީ ހަނގުރާމައިގެ ޒަމާނުއްސުރެ އުފެދިފައިވާ ސިޔާސީ އަދި ވިޔަފާރީގެ ވާދަވެރިކަން އަދިވެސް ދެމިއޮތް ދެ ކްލަބެވެ.
ފުރަތަމަ 1898 ވަނަ އަހަރު މި ދެ ޓީމު ކުޅުނުއިރު ، މި ދެ ޓީމުގެ މެޗުތައް އަބަދުވެސް މަޝްހޫރުވެފައިވަނީ ވަރަށް ވާދަވެރި ، އަދި ސަޕޯޓަރުން ގިނައިން ވަންނަ މެވުތަކަށެވެ. މިރޭ މި ދެ ޓީމު ބައްދަލުވާއިރު، ވާދަވެރިކަމުގެ ސަބަބުން ގިނަފަހަރު ދެ ޓީމު އޮންނަ ފޯމާއި ލީގުގެ ތާވަލުގައި އޮންނަ އޮތުން މާ ބޮޑު އެއްޗަކަށް ނުވެއެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗުތަކުގައި ދައްކާ ރަތް ކާޑުތަކާއި، ހަނދާން ނައްތާނުލެވޭ ފަދަ އުފާފާޅުކުރުންތަކަކީ މި މެޗުތަކުގެ ޓްރޭޑްމާކްތަކަކަށް އޮންނަނީ ވެފައެވެ.
މިފަހަރުގެ މެޗަކީ 2016 ވަނަ އަހަރުގެ ފަހުން ޕްރިމިއަރ ލީގުގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ މެޗެވެ. މިވަގުތު ލީގު ތާވަލަށް ބަލާއިރު، ނިއުކާސަލް އޮތީ 22 ޕޮއިންޓާއެކު 12 ވަނައިގައެވެ. އަދި ސަންޑަރލޭންޑް އޮތީ 23 ޕޮއިންޓާއެކު 10 ވަނައިގައެވެ. ނިއުކާސަލް މި މެޗަށް އަންނައިރު އޮތީ ރަނގަޅު ފޯމެއްގައެވެ. އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އެއް މެޗު ވަނީ އެއްވަރުވެފައެވެ، އެހެންކަމުން އެ ޓީމުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނުމަކީ ގާތްކަމެކެވެ.
އަނެއްކޮޅުން، ލީގުގެ 10 ވަނައިގައި އޮތް ސަންޑަރލޭންޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ، އެއް މެޗުން އެއްވަރުވެ، އެއް މެޗުން މޮޅުވެފައިވާއިރު، މި ބޮޑު ޑާބީއަށް އަންނައިރު އެހާ ރަނގަޅު ފޯމެއްގައި ނެތްކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް، ލީގަށް މި ފަހަރު އަލަށް ޕްރޮމޯޓުވި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރެ ލީގު ތާވަލުގައި ނިއުކާސަލްއަށް ވުރެ އެއް ޕޮއިންޓު ކުރީގައި އޮތުމަކީ މި ފޯރިގަދަ ޑާބީގެ ނަތީޖާ އެނބުރޭނެ ކޮޅެއް ލަފާކުރަން ދަތިކަމެއްކަން ކަށަވަރެވެ.





