Monday, November 16
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ

ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކަށް ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން އެ މަދަރުސާގެ ދަރިވަރުންނާއި، މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރެއިންނެވެ.

މި ހަރަކާތުގެ "ވޯޓަރ ބްރޭކް" ގަޑީގައި އެއްގަމަށް އަރަންދިޔަ މީހަކު ނޭވާލާން އުނދަގޫވާކަމަށް ބުނުމުން، ވަގުތުން އޭނާ ވަނީ ފުލިދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. ނަމަވެސް، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް، އެ ރޭ 18:14 އެހައިކަންހާއިރު އެމީހާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި އަންހެނެކެވެ.

ފުލުހުން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، ނިޔާވި މީހާގެ ހަށިގަނޑު މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު، ރޭ ދަންވަރުގެ ވަގުތެއްގައި ވަނީ އާއިލާއާ ހަވާލުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު