ޓެކްނޮލޮޖީ އިންޑަސްޓްރީން މިހާރު ތަކުރާރު ކުރަމުންދަނީ ސޯޝަލް މީޑިއާގެ ޒަމާނުގައި ހެދުނު ގޯސްތައް ކަމަށާއި، އޭއައިގެ ސަބަބުން ސޯޝަލް މީޑިއާއަށް ވުރެ މާ ބޮޑެތި ގެއްލުންތަކެއް ކުޑަކުދިންނަށް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް ގޫގުލްގެ ޓްރަސްޓް އެންޑް ސޭފްޓީ ޓީމު ކުރިން އުފެއްދެވި އަދި އެ ދާއިރާގެ ކުރީގެ ވައިސް ޕްރެޒިޑެންޓް ޓޮމް ސީގެލް ވަނީ އިންޒާރު ދެއްވާފައެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން، ކުޑަކުދިންނަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި އޭއައި ތަރައްގީކުރުމުގެ ދުވެލި މަޑުޖައްސާލުމަށް ޓޮމް ސީގެލް ވަނީ ގޮވާލައްވާފައެވެ.
އޭއައިގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށާއި، ބޭރުގެ އެހީއާ ނުލައި މިކަން އަމިއްލައަށް ހައްލުކުރެވޭނެ ކަމަށް ޓެކް އިންޑަސްޓްރީން ދެކުމަކީ ގޯހެއް ކަމަށް ސީގެލް ވަނީ ފާހަގަކުރައްވާފައެވެ.
އޭއައިގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވެދާނެ ނުރައްކާތަކުގެ ތެރޭގައި އަމިއްލައަށް މަރުވުމާއި، ނަފްސާނީ ބަލިތައް ޖެހުމުގެ އިތުރުން ސުވާލުތަކަށް އޭއައިއަށް ބަރޯސާވުމުގެ ސަބަބުން ފުންކޮށް ވިސްނުމުގެ ގާބިލުކަން ދަށްވުން ފަދަ ކަންކަން ހިމެނެއެވެ.
ކުޑަކުދިންގެ އޮންލައިން ރައްކާތެރިކަމަށް ވަކާލާތުކުރާ ޖަމާއަތެއް ކަމަށްވާ "ކޮމަން ސެންސް މީޑިއާ" އާ ގުޅިވަޑައިގެންނެވިކަން ސީގެލް ވަނީ އިއުލާނު ކުރައްވާފައެވެ. އެ ޖަމިއްޔާއިން އިފްތިތާހުކުރި "ޔޫތު އޭއައި ސޭފްޓީ އިންސްޓިޓިއުޓް" ގެ ފުރަތަމަ އެގްޒެކެޓިވް ޑިރެކްޓަރަކަށް އޭނާ ހަމަޖެހިވަޑައިގެންފައިވާއިރު، މި އިންސްޓިޓިއުޓަށް އެންތްރޮޕިކް އަދި އޯޕަންއޭއައި ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދެއެވެ.
ސީގެލް ވިދާޅުވީ އޭނާގެ މައިގަނޑު މަގްސަދަކީ، ކާރުތަކުގެ ކްރޭޝް ޓެސްޓުތަކާ އެއްފަދައިން، ޒުވާނުންނަށް އޭއައިގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ވަޒަންކުރާނެ މިނިވަން މިންގަނޑުތަކެއް އެކުލަވާލައި ކުންފުނިތައް ޖަވާބުދާރީ ކުރުވުން ކަމަށެވެ.
ގޫގުލް އަދި ޓްރަސްޓްލެބްގައި ކުރިން މަސައްކަތް ކުރެއްވި ސީގެލް ވަނީ، އުމުރުން ދުވަސްނުވާ ކުދިން ޗެޓްބޮޓްތައް ބޭނުންކުރުން ހުއްޓުވުމަށް އުމުރު ކަށަވަރުކުރުމުގެ ހަރުދަނާ ފިޔަވަޅުތައް އެޅުމަށާއި، ގޫގުލްގެ އޭއައި އޯވަވިއުސް ފަދަ ފީޗާތައް ނިއްވާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުންފުނިތަކަށް ގޮވާލައްވާފައެވެ.
މި ވާހަކަތަކާ ގުޅިގެން ގޫގުލް އިން ބުނެފައިވަނީ ކުދިން ސާޗް އިންޖީން ބޭނުންކުރުން ކޮންޓްރޯލްކުރުމުގެ އިހުތިޔާރު ބެލެނިވެރިންނަށް އޮންނަ ކަމަށާއި އޭއައި ފީޗާތަކަކީ މައުލޫމާތު ހޯދުމަށް މުހިންމު ވަސީލަތެއް ކަމަށެވެ. އަދި އޯޕަންއޭއައި އިން އުމުރު ހަމަނުވާ ކުދިން ދެނެގަތުމަށް ބިހޭވިއަރަލް ސިގްނަލްތައް ބޭނުންކުރަމުންދާއިރު، މިކަމުގައި އެންތްރޮޕިކް އިން ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.
މި ލިޔުން ކިޔާލުމުން



