ކެމްބޯޑިއާއަކީ ބޯޑަރު ހުރަސްކޮށް ހިންގާ އޮންލައިން ސްކޭމް ސިންޑިކޭޓްތަކަށް ރައްކާތެރި ތަނަކަށް ނުވާނެ ކަމަށާއި، ގައުމުގެ ތަރައްގީއަށާއި ރައްޔިތުންނަށް ހުރަސްއެޅުމުގެ ފުރުސަތު ކުށްކުރާ ގޭންގުތަކަށް ނުދެއްވާނެ ކަމަށް ބޮޑުވަޒީރު ހުން މަނެޓް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމެރިކާ އަދި ޗައިނާ ހިމެނޭހެން 12 އަށް ވުރެ ގިނަ ގައުމުތަކުގެ މަންދޫބުންނާއެކު ފްނޮމް ޕެންގައި ފެށި ބައިނަލްއަގުވާމީ ސައިބާ ފްރޯޑް ސަމިޓްގައެވެ.
ދެކުނު އިރުމަތީ އޭޝިއާގައި ބައިނަލްއަގުވާމީ ސައިބާ ސްކޭމް އިންޑަސްޓްރީގެ މައި މަރުކަޒަކަށް ކެމްބޯޑިއާ ވެފައިވާއިރު، މައިގަނޑު ގޮތެއްގައި ޗައިނާގެ އިސްވެރިން ހިންގާ މި ނެޓްވޯކްތަކުން އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުން ބަންދުކޮށްގެން މަޖުބޫރުން އެކި ބާވަތުގެ މަކަރާއި ހީލަތް ހިންގުވައެވެ. މީގެ ސަބަބުން 2024 ވަނަ އަހަރު އެކަނިވެސް އެމެރިކާގެ ރައްޔިތުންނަށް 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ލަފާކުރެވެއެވެ.
މިފަދަ ކުށްތައް ހުއްޓުވުމަށް ފާއިތުވި އަހަރު އެތައް ސަތޭކަ ސެންޓަރަކަށް ރެއިޑްކޮށް ގިނަ އަދަދެއްގެ ބަޔަކު ޑީޕޯޓްކޮށްފައިވާ ކަމަށް ސަރުކާރުން ބުނާއިރު، ޔޫއެންއޯޑީސީން ވަނީ ޑިޖިޓަލް ހެކި އެއްކުރުމަށާއި ގަވާއިދުތައް ހަރުދަނާކުރުމަށް އިތުރު މަސައްކަތްތަކެއް ބޭނުންވާކަން ފާހަގަކޮށްފައެވެ.
ނަމަވެސް، މި އޮޕަރޭޝަންތަކުގައި މަތީ ފަންތީގެ ނުފޫޒުގަދަ ފަރާތްތަކަށް ފިޔަވަޅު އަޅާފައިނުވާ ކަމަށް ދިރާސާވެރިންނާއި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. އަދި މި އޮޕަރޭޝަންތަކުގެ އިތުބާރު ބިނާވެގެންވަނީ މަގާމަކަށް ނުވަތަ މުއްސަނދިކަމަށް ބެލުމެއްނެތި ތަހުގީގުކުރުމުގެ މައްޗަށް ކަމަށް އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ.
މި ލިޔުން ކިޔާލުމުން



