ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2026 ގެ ގުރުނެގުން މިރޭ ބާއްވާނެއެވެ. މި ގުރުނެގުން ބާއްވަން ހަމަޖެހިފައިވަނީ އެމެރިކާގެ ވޮޝިންގްޓަން ޑީ.ސީ. ގައި ހުންނަ މަޝްހޫރު ކެނެޑީ ސެންޓަރުގައެވެ. ދުނިޔޭގެ ފުޓްބޯޅަ ފޭނުންގެ ސަމާލުކަން މި އިވެންޓަށް ހުއްޓިފައިވާއިރު ، ގުރުލުން އޮތީ މިރޭ ރާއްޖޭ ގަޑިން 22:00 ގައެވެ.މި ހަރަކާތް އައިސްޓީވީން ވަގުތުން ދައްކާނެއެވެ.
މިރޭ ބާއްވާ ގުރުނެގުމުގެ ތެރެއިން ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތައް ބަހާލެވޭ ގްރޫޕްތައް ކަނޑައެޅިގެންދާނެއެވެ. މިއީ މުބާރާތުގެ ތައްޔާރީތަކުގެ އެންމެ މުހިންމު އެއް މަރުޙަލާއެވެ.
މިއީ ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު މުބާރާތުގެ ގުރުނެގުމެވެ. ފުރަތަމަ ފަހަރަށް 48 ޓީމް ބައިވެރިވާ މި މުބާރާތަކީ ފުޓްބޯޅައިގެ ދުނިޔެއަށް އަންނަ ބޮޑު ބަދަލެކެވެ. މީގެ ކުރިން ވޯލްޑް ކަޕްގައި ބައިވެރިވެފައިވަނީ 32 ޓީމެވެ. ޓީމުތަކުގެ އަދަދު އިތުރުވުމާއެކު މެޗުތަކުގެ އަދަދު ވެސް ބޮޑުތަނުން އިތުރުވެގެންދާނެއެވެ.
ވޯލްޑް ކަޕް 2026 ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތިން ގައުމެއްގައެވެ. އެއީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯއެވެ. ތިން ގައުމެއްގައި މުބާރާތް ބޭއްވުމަކީ ވެސް ވޯލްޑް ކަޕްގެ ތާރީޚުގައި މިއަންނަ ބަދަލެކެވެ. މި ގުރުނެގުމުގެ ތެރެއިން މުބާރާތުގެ ފުރަތަމަ މެޗުތައް ކުޅޭނެ ތަންތަނާއި، ގްރޫޕް ސްޓޭޖްގެ މެޗުތައް ބޭއްވޭނެ ސްޓޭޑިއަމްތަކާ ގުޅޭ އިތުރު މައުލޫމާތުތައް ހާމަވެގެންދާނެއެވެ






