އދ. ގެ އާންމު މަޖިލީހުގައި ފްރާންސް، ކެނެޑާ އަދި އިނގިރޭސިވިލާތުން ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ވަނީ ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތަކަކީ މުޅި ދުނިޔެއަށް ވެސް ހުރި "ލަދެއް" ކަމަށް ވިދާޅުވެ، ބައިނަލްއަގުވާމީ މުޖުތަމައު ހިމޭނުން އޮންނާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން މެކްރޮން ވިދާޅުވީ، ޣައްޒާގެ ހާލަތާ ކުރިމަތިލާއިރު އެއްވެސް ފިޔަވަޅެއް ނާޅައި ތިބޭނަމަ ދުނިޔޭގެ އިތުބާރު ގެއްލިގެންދާނެ ކަމަށެވެ. "ބައެއް ފަރާތްތަކުން އެބުނާ ސުލްހައަކަށް ފަޚުރުވެރިވޭ، އެކަމަކު މި ސުލްހައިގެ ސަބަބުން އެންމެ ސިކުންތަކަށް ވެސް އިންސާނީ އެހީ ފޯރުކޮށްދޭ މަގުތަކެއް އަލުން ނުހުޅުވުނު،" މެކްރޮން ވިދާޅުވިއެވެ. މީގެއިތުރުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގާ ޖަރީމާތަކަށް އިޝާރާތްކުރައްވައި، އަވައްޓެހި ގައުމުތަކުގެ އިސްތިގުލާލަށް އަރައިގަތުމަކީ އިސްރާއީލުގެ ސަލާމަތްތެރިކަން ބަލިކަށިވެގެންދާނެ ކަމެއް ކަމަށް ވެސް އޭނާ އިންޒާރު ދެއްވިއެވެ.
މި ބައްދަލުވުމުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވީ، ދެ ދައުލަތުގެ ހައްލާ ގުޅޭގޮތުން ދައްކާ ވާހަކަތަކަށް އަމަލީ ސިފައެއް ނުގެނެވިއްޖެނަމަ ސިޔާސީ އަދި ބައިނަލްއަގުވާމީ ނިޒާމަށް އޮތް އިތުބާރު ގެއްލިގެންދާނެ ކަމަށެވެ. އަދި ހުޅަނގު އައްސޭރި ދެބައިކޮށް، މުސްތަގުބަލުގެ ފަލަސްތީނު ދައުލަތަށް ހުރަސްއެޅުމަށް އިސްރާއީލުން ކުރިއަށްގެންދާ 'އީ1' ވަޒަންވެރިކުރުވުމުގެ މަޝްރޫއު ކުށްވެރިކުރައްވައި، ހުޅަނގު އައްސޭރީގެ ޣައިރުގާނޫނީ އާބާދީތަކާ އެކު ކުރާ ވިޔަފާރި އިނގިރޭސިވިލާތުން މަނާކޮށްފައިވާކަން ބާންހަމް ފާހަގަކުރެއްވިއެވެ.
މި ދަނޑިވަޅުގައި ކެނެޑާގެ ބޮޑުވަޒީރު މައިކް ކާނީ ވަނީ ދެ ދައުލަތުގެ ހައްލު ދެމެހެއްޓުމަށްޓަކައި 100 މިލިއަން ކެނެޑާ ޑޮލަރު (71 މިލިއަން ޔޫއެސް ޑޮލަރު) ގެ އެހީ އިއުލާނުކުރައްވާފައެވެ. މި އެހީގެ 80 އިންސައްތަ އިންސާނީ އެހީއަށް ހޭދަކުރާއިރު، 20 އިންސައްތަ ހޭދަކުރާނީ ސުލްހައާއި ސަލާމަތަށް އެހީތެރިވުމަށާއި ހުޅަނގު އައްސޭރީގެ ފަލަސްތީނު ފުލުހުން ތަމްރީނުކުރުމަށެވެ. އަދި ހިފާފައިވާ ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ވަޒަންވެރިވެފައިވާ މީހުން އުފައްދާ މުދަލަށް ހުރަސްއަޅާ 12 ގައުމުގެ ތެރޭގައި ކެނެޑާ ހިމެނޭނެ ކަމަށް ވެސް ކާނީ ވިދާޅުވިއެވެ.
އޮކްޓޯބަރު 2023 ގައި އިސްރާއީލުން ފެށި ނަސްލުހޭދަކުރުމުގެ ހަނގުރާމައިގައި ޣައްޒާއިން މިހާތަނަށް 73،900 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އެމެރިކާ މެދުވެރިވެގެން ހަމަޖެއްސި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ވެސް އިސްރާއީލުން ދަނީ ހަމަލާތައް ދެމުންނެވެ. މި ހަނގުރާމަ ފެށުނީއްސުރެ ކެނެޑާއިން ވަނީ ފަލަސްތީނުގެ އާންމުންނަށް 600 މިލިއަނަށް ވުރެ ގިނަ ކެނެޑާ ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެފައެވެ.
މި ލިޔުން ކިޔާލުމުން



