އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭރުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށްފަހު، ރަޝިޔާއާ އެކު ދެފަރާތުން އެއްބަސްވާ ހަކަތައިގެ ހަނގުރާމަ ހުއްޓާލުމަކަށް ޔޫކްރެއިން ތައްޔާރަށް އޮތް ކަމަށް އެގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ހާމަކުރައްވައިފިއެވެ. އެހެންނަމަވެސް، ރަޝިޔާއިން އިތުރު ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަމުންދާ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
ރަޝިޔާއިން ޔޫކްރެއިންގެ ކަރަންޓާއި، ފެނާއި، ހަކަތައިގެ ވަސީލަތްތަކަށް ދޭ ހަމަލާތައް ހުއްޓާލައިފިނަމަ، ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ހަމަލާދިނުން ހުއްޓާލަން ކިއެވް ތައްޔާރަށް އޮތް ކަމަށާއި، މި ބައްދަލުވުންތަކުގައި ފިނިމޫސުމުގެ ކުރިން މަސްރަހު ފިނިކޮށް ޑިޕްލޮމަސީއަށް ފުރުސަތު ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ސާފުކުރާ މަރުކަޒުތަކަށް ހަމަލާދިނުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ޑީސަލްގެ އަގު އުފުލޭތީ އެމެރިކާގެ ރައީސް ޓްރަމްޕް ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ރަޝިޔާއިންވެސް ދަނީ ޔޫކްރެއިންގެ ކަރަންޓާއި ހަކަތައިގެ ނިޒާމުތަކަށް ވަރުގަދަ ޑްރޯން ހަމަލާތަކެއް ދެމުންނެވެ.
ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް އެމެރިކާގެ ސްޓޮކުން ކުއްލި ގޮތަކަށް ޕެޓްރިއޮޓް މިސައިލް ނިޒާމު ހޯދުމަށް ޒެލެންސްކީ ވަނީ ޓްރަމްޕްގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި އޭގެ ބަދަލެއްގެ ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި ޔޫކްރެއިނަށް ލިބެން ހުރި މިސައިލްތައް އެމެރިކާއަށް ދިނުމަށް ހުށަހަޅާފައިވާއިރު، މިކަމާ ގުޅޭ މަޝްވަރާތައް ދަނީ ކުރިއަށެވެ.
މީގެއިތުރުން އިނގިރޭސި ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށްފަހު، ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެއްވެސް ލުޔެއް ނުދެވޭނެ ކަމަށް ޒެލެންސްކީ ވިދާޅުވެފައިވާއިރު، އިނގިރޭސިވިލާތުން ވަނީ ޔޫކްރެއިންގެ އުމްރާނީ ވަސީލަތްތައް އަލުން ބިނާކުރުމަށް މާލީ އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.
މި ލިޔުން ކިޔާލުމުން



