ސަރުކާރުގެ މަތީ ފަންތީގެ ގިނަ މަގާމުތަކެއް ފުރުއްވައި، ޤައުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށްވާ ޑރ. މުހައްމަދު އަލީ އުމުރުން 67 އަހަރުގައި އަވަހާރަވެއްޖެއެވެ. ޑރ. މުހައްމަދު އަލީ އަވަހާރަވީ އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ތިމާވެށީގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޑރ. މުހައްމަދު އަލީ ވަނީ 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްކަމާއި ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމު ފުރުއްވިއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން، ޕްލޭނިން މިނިސްޓްރީއާއި ހޯމް މިނިސްޓްރީގައި ތިމާވެށީގެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކުރެއްވިއެވެ.
ތިމާވެށި ހިމާޔަތްކުރުމަށް އަމިއްލަ ދިރިއުޅުއްވުމުގައިވެސް ނަމޫނާ ދެއްކެވި ޑރ. މުހައްމަދު އަލީއަކީ، އިންޖީނުލީ އުޅަނދުފަހަރުގެ ބަދަލުގައި އާންމުކޮށް ބައިސްކަލު ބޭނުންކުރެއްވި ބޭފުޅެކެވެ.
އޭނާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވަނީ ފުން ހިތާމަ ފާޅުކުރައްވައި، މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. ރައީސްގެ މެސެޖުގައި، ޑރ. މުހައްމަދު އަލީއަކީ އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ ދާއިރާއިން މުޖުތަމައަށް އަގުހުރި މައުލޫމާތުތަކެއް ފޯރުކޮށްދެއްވި، އެންމެންގެ އިހުތިރާމް ލިބިވަޑައިގެންނެވި ނަމޫނާ ޝަހުސިއްޔަތެއްގެ ގޮތުގައި ސިފަކުރައްވައި، މަރުހޫމަށް ސުވަރުގޭގެ ނިއުމަތް މިންވަރުކުރެއްވުން އެދި ދުއާކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން



