ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް ރާމްޗަންދްރަ ޕޯޑެލްއަށާއި ބޮޑުވަޒީރު ބަލެންދްރަ ޝާހަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާގެ ސިޓީފުޅެއް ފޮނުއްވައިފިއެވެ.
ހޮނިހިރު ދުވަހު ވަކިވަކިން ފޮނުއްވި މި ސިޓީފުޅުތަކުގައި، ރާއްޖެއާއި ނޭޕާލާ ދެމެދު އޮތް ގުޅުމަކީ އުޞޫލީ އިޙްތިރާމާއި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
އޭގެ އިތުރުން، ދެޤައުމުގެ ތަރައްޤީއާއި ރައްޔިތުންގެ ލާބައަށްޓަކައި އެކި ދާއިރާތަކުން ގުޅުން ފުޅާކުރުމަށާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މަސްރަޙުގައި ގުޅިގެން މަސައްކަތްކުރުމުގެ އުންމީދު ރައީސް އާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލެއްވީ ނޭޕާލްގެ ރައީސަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގަންނަވަމުންނާއި، އެޤައުމުގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.
ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 20 ސެޕްޓެމްބަރު 2015 ގައި އެޤައުމުގެ އާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށި ދުވަހެވެ.
މި ލިޔުން ކިޔާލުމުން



