އަންނަ ސެޕްޓެމްބަރު 24 ގައި ވޮޝިންޓަނުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސަމިޓާ ގުޅިގެން ޓައިވާނުގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާފާނެ ސިޔާސަތަކާމެދު އޭޝިއާގެ ގައުމުތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކުރަން ފަށައިފިއެވެ.
ޓައިވާނަށް ދިނުމަށް ކަނޑައަޅާފައިވާ 14 ބިލިއަން ޑޮލަރުގެ ހަތިޔާރު ޕެކޭޖަށް ޓްރަމްޕްގެ ހުއްދަ ނުލިބި އެތައް މަހެއް ވެފައިވާއިރު، މިއީ ބެއިޖިންއާ އެކު ކުރެވޭ މަޝްވަރާތަކުގައި ބޭނުންކުރެވިދާނެ ބާރެއް ކަމަށް ޓްރަމްޕް ވަނީ މެއި މަހު ވިދާޅުވެފައެވެ.
އީރާން ހަނގުރާމައިގެ ސަބަބުން ދަށަށް ގޮސްފައިވާ މަގުބޫލުކަން އަލުން ހޯދުމަށާއި، އިގްތިސާދީ އެއްބަސްވުންތަކެއް ހާސިލުކުރުމަށްޓަކައި ޓައިވާނުގެ މައްސަލައިގައި ޗައިނާއަށް ޓްރަމްޕް ދޫދެއްވަފާނެ ކަމުގެ ކަންބޮޑުވުން ތައިޕޭއާއި ޓޯކިޔޯއިން ދަނީ ފާޅުކުރަމުންނެވެ.
ރައީސް ޝީއާ ބައްދަލުކުރެއްވުމުގެ ކުރިން ޓްރަމްޕާ ވާހަކަދެއްކެވުމަށް ޖަޕާނުގެ ލީޑަރުން މަސައްކަތް ކުރަމުންދާއިރު، އެގައުމުން އެދެނީ މި ސަމިޓުގެ މައިގަނޑު ފޯކަސްއަކަށް ޓައިވާން ނުހެދުމަށެވެ. އަދި ޓައިވާނުން ވެސް އުއްމީދުކުރަނީ މި ބައްދަލުވުމުގެ ސަބަބުން އެ ގައުމަށް އެއްވެސް ގެއްލުމެއް ނުވުމަށެވެ.
އޭޝިއާ ސޮސައިޓީގެ މާހިރުން ފާހަގަކުރާ ގޮތުގައި، ޓައިވާނާ މެދު ޓްރަމްޕް ދައްކަވާ ވާހަކަތަކަށް ކުޑަ ލުއިކަމެއް އަޔަސް އެކަމުން ބެއިޖިންއަށް ހިތްވަރު ލިބި، ސަރަހައްދުގެ ސުލްހައަށް ނުރައްކާވެދާނެއެވެ.
ދުނިޔޭގެ ޒަމާނީ ސެމީކޮންޑަކްޓަރުގެ 90 އިންސައްތައަށް ވުރެ ގިނައިން އުފައްދާ ޓައިވާނަށް ޗައިނާއިން އަރައިގެންފިނަމަ، މުޅި ދުނިޔޭގެ އިގުތިސާދަށް ބޮޑު ލޮޅުމެއް އަރާނެ ކަމަށް ސަރަހައްދީ ސަލާމަތީ އޮފިޝަލުން އިންޒާރުދެއެވެ.
މި ސަމިޓަކީ ވިޔަފާރީގެ ގުޅުން ހަމަހަމަކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ޓްރަމްޕް ސިފަކުރެއްވި ނަމަވެސް، ޓައިވާންގެ މައްސަލައިގައި ވޮޝިންޓަނުގެ ސިޔާސަތަށް އަންނަ ކުޑަ ބަދަލަކުންވެސް އޭޝިއާ-ޕެސިފިކް ސަރަހައްދުގެ ސަލާމަތަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެއެވެ.
މި ލިޔުން ކިޔާލުމުން



