އިސްރާއީލާއި މޮރޮކޯއާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ދެ ޤައުމުގައި އެމްބަސީތައް ހުޅުވުމަށާއި ސަފީރުން ކަނޑައެޅުމަށް ދެ ޤައުމުގެ ޚާރިޖީ ވަޒީރުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް އިސްރާއީލު ސަރުކާރުން ބުދަ ދުވަހު ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އިސްރާއީލް ސަރުކާރުގެ ރަސްމީ އަރަބި އެކްސް އެކައުންޓުން ނެރުނު ބަޔާނެއްގައެވެ.
ނިއުޔޯކުގައި ބޭއްވުނު ތިންފަރާތް އެކުލެވޭ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރ، މޮރޮކޯގެ ޚާރިޖީ ވަޒީރު ނާޞިރު ބޫރީޠާ އަދި އދ. އަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ވޯލްޓްޒް އެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ކުރިއެރުވުމަށް އަމާޒުކޮށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ އެއްބަސްވެފައެވެ.
އިސްރާއީލުގެ ބަޔާނުގައިވާ ގޮތުން، ދެ ޤައުމުގެ ވެރިން ވަނީ "ދެ ޤައުމުގެ ޑިޕްލޮމެޓިކް މިޝަންތައް އެމްބަސީގެ ފެންވަރަށް މަތިކުރުމާއި، ސަފީރުން ޢައްޔަންކުރުން" ހިމެނޭ ގޮތަށް ގުޅުން ވަރުގަދަކުރަން ނިންމަވާފައެވެ. މީގެ އިތުރުން އިސްރާއީލާއި މޮރޮކޯއާ ދެމެދު ކުރެވޭ ވައިގެ ދަތުރުތައް އިތުރުކުރުމަށާއި، ދެފަރާތުގެ އިންވެސްޓްމަންޓްތަކާއި އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތަކަށް މަގުފަހިކުރުމަށް އަމާޒުކޮށް އެއްބަސްވުންތައް އެކުލަވާލައި ނިންމުމަށް ވެސް ވަނީ އެއްބަސްވެފައެވެ.
މޮރޮކޯއަކީ އެމެރިކާ އިސްވެ ހަމަޖެއްސި އެއްބަސްވުންތަކުގެ ދަށުން 2020 ވަނަ އަހަރު އިސްރާއީލާ އެކު ގުޅުން ޢާންމުކުރުމަށް ފިޔަވަޅު އެޅި ޢަރަބި ހަތަރު ޤައުމުގެ ތެރެއިން އެއް ޤައުމެވެ. މި އެއްބަސްވުމުގައި ދެން ހިމެނެނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ބަޙްރައިން އަދި ސޫދާނެވެ. މީގެ އިތުރުން ވަކިން އިސްރާއީލުން ވަނީ މިޞްރާއި އުރުދުންއާ އެކު ޞުލްޙައިގެ އެއްބަސްވުންތައް ޤާއިމުކޮށްފައެވެ.
މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ފަލަސްޠީނުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. އެއީ އަރަބި ޤައުމުތަކާއެކު ގުޅުން ޢާންމުކުރުމުގެ ބަދަލެއްގެ ގޮތުން، އިސްރާއީލުން ހިފާފައިވާ ބިންތަކުން ފޭބުމަށާއި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤަބޫލުކުރުމަށް ގޮވާލާ، ޒަމާނުއްސުރެ އަރަބިން ގެންގުޅެމުން އައި ޢާންމު ސްޓޭންޑާ މެދު އޮތް އިތުބާރު ކުޑަވެގެން ދިއުމާ ގުޅިގެންނެވެ.
މި ލިޔުން ކިޔާލުމުން



