ރަޝިޔާގެ ތެޔޮ ގަންނާތީ ޓެރިފް ނެގުމަށް އެމެރިކާއިން އަޅަން ނިންމާފައިވާ އައު ފިޔަވަޅުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުމަށް އަސަރުކޮށްފާނެ ކަމަށް ބުނެ އިންޑިއާއިން ވޮޝިންޓަނަށް އިންޒާރު ދީފިއެވެ.
މި އިންޒާރު އިންޑިއާގެ ފޮރިން މިނިސްޓްރީން ދީފައިވަނީ ރަޝިޔާއިން ތެޔޮ ގަންނަ ފަރާތްތަކަށް އަދަބު ދިނުމުގެ ގޮތުން، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޓެރިފް ހިމެނޭ ބިލެއް ފާސްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.
ރަޝިޔާގެ ހަކަތައަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން، ޗައިނާއާއި އިންޑިއާ ހިމެނޭހެން އެހެނިހެން ގައުމުތަކުން ނަގާ ޓެރިފް 100 އިންސައްތައާ ހަމައަށް ބޮޑުކުރުމުގެ ބާރު ރައީސަށް ލިބިދޭ ބިލެއް ގާނޫނަކަށް ހެދުމަށްޓަކައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހަށް ވަނީ ފޮނުވާފައެވެ.
މިކަމާ ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، ރައްޔިތުންނަށް ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެގައުމު ސާބިތުވެ އޮންނާނެ ކަމަށާއި ބާޒާރުގެ ހާލަތަށް ބަލައި ތެޔޮ ގަތުން ކުރިއަށް ގެންދާނެއެވެ.
މީގެއިތުރުން އިންޑިއާގެ ވިޔަފާރިއާއި އިގްތިސާދީ މަސްލަހަތުތައް ހިމާޔަތްކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބަޔާންކޮށްފައެވެ.
އިންޑިއާގެ ރިފައިނަރީތަކުން ކުރިއަށް އޮތް ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހަށްވެސް ރަޝިޔާގެ ތެޔޮ ހިމެނޭހެން ސަޕްލައި ހަމަޖައްސާފައިވާ ކަމަށް މައުލޫމާތު އެނގޭ މަސްދަރުތަކުން ބުނެއެވެ.
އައު ޓެރިފްތަކުގެ ސަބަބުން ތެލުގެ އަގު އުފުލިދާނެތީ، ސައްތައިން ސައްތައިގެ ޓެރިފެއް ނެގުމުގެ ބަދަލުގައި މިހާރު ހިނގަމުންދާ މުއާމަލާތްތައް ނިންމުމަށް ފުރުސަތު ދިނުމަށާއި، ވަކި ކޯޓާއެއް ކަނޑައެޅުން ފަދަ ލުއިތަކެއް ދިނުމަށް ރިފައިނަރީތަކުން އެދެއެވެ.
މި ޓެރިފްތަކުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރީގެ މަޝްވަރާތަކަށް ހުރަސްއެޅި، ރަޝިޔާގެ ތެޔޮ ގަތުން މަދުކުރުމަށާއި އެއްފަރާތަކަށް ބުރަވެފައިވާ އެއްބަސްވުމެއް ގަބޫލުކުރުމަށް އިންޑިއާއަށް ޕްރެޝަރު ކުރުމަށް އެމެރިކާއިން މި އިންޒާރު ބޭނުންކޮށްފާނެ ކަމަށް އެނަލިސްޓުން ދެކެއެވެ.
މި މައްސަލަތަކުގެ ތެރޭގައި، އިންޑިއާގެ ވިޔަފާރިއާ ބެހޭ ވަޒީރު ޕިޔޫޝް ގޯޔަލް މި މަހުގެ ފަހުކޮޅު އެމެރިކާއަށް ވަޑައިގެން، އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްއާ މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެއެވެ.
މި ލިޔުން ކިޔާލުމުން



