ވެނެޒުއެލާގެ ސާފުނުކުރާ ތެލުގެ ރިޒާވްގެ ބަޔަކަށް ދިގު މުއްދަތަކަށް ވާސިލުވެވޭނެ އެއްބަސްވުމެއް އެކުލަވާލުމާ ގާތަށް އެމެރިކާ ވަނީ ޖެހިލާފައެވެ. މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ އެމެރިކާގެ ކުންފުނިތައް މެދުވެރިކޮށް ތަރައްޤީކުރުމަށްޓަކައި ވެނެޒުއެލާގެ ތެޔޮ ވަޅުތަކެއް ކަށަވަރުކުރުމާއި، އެމެރިކާއަށް ތެޔޮ އެތެރެކުރުމަށް ހިނގާ ޚަރަދު ކުޑަކުރުމެވެ.
ކަރަކަސް އަދި ވޮޝިންޓަންގެ އެންމެ މަތީ ފަންތީގައި މި އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް މަސްދަރުތަކުން ހާމަކުރެއެވެ.
މި އެއްބަސްވުން ތަންފީޒުކުރުމަށް ގާނޫނީ މޮޑެލެއްގެ ގޮތުގައި ތެޔޮ ވަޅުތައް ލީސްކުރުން ނުވަތަ ކުއްޔަށް ދިނުން ބަލަމުންދާއިރު، އެމެރިކާގެ އުފެއްދުންތެރިންގެ މެދުގައި މި ވަޅުތައް ބެހުމަށް އިތުރު ޓެންޑަރެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މަޝްވަރާކުރެވެމުންދާ 17 ތެޔޮ ވަޅުގެ ލިސްޓުގައި ބޮޑު އޮރިނޯކޯ ބެލްޓްގެ އާ ސަރަހައްދުތަކާއި ލޭކް މަރަކައިބޯގެ ސަރަހައްދުތައް ހިމެނެއެވެ.
ދުނިޔޭގެ އެންމެ ބޮޑު ސާފުނުކުރާ ތެލުގެ ރިޒާވް އޮންނަ ވެނެޒުއެލާގެ ޤާނޫނުއަސާސީގައި ތެލުގެ މައިގަނޑު ޙަރަކާތްތައް ޚާއްޞަކޮށްފައިވަނީ ދައުލަތަށް ކަމަށްވުމުން، އެމެރިކާއަށް ތެޔޮ ވަޅުތައް ކުއްޔަށް ދިނުމުގެ އެއްބަސްވުމަށް ޤާނޫނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އަދި އެމެރިކާއާއެކު ގުޅުން ބަދަހިކުރުމުގެ ގޮތުން އޯޕެކް ދޫކޮށްލުމާމެދު ވެސް ވެނެޒުއެލާއިން ދަނީ ވިސްނަމުންނެވެ.
ވެނެޒުއެލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯ ވެރިކަމުން ދުރުކުރި ފަހުން، އެމެރިކާއިން މަސައްކަތް ކުރަމުންދަނީ އެ ޤައުމުގެ ރިފައިނަރީތަކަށް ވެނެޒުއެލާގެ ތެޔޮ މެދުކެނޑުމެއްނެތި ހޯދުމަށާއި ހަކަތައިގެ ސިނާޢަތަށް އެމެރިކާގެ އިންވެސްޓްމަންޓްތައް ގެނައުމަށެވެ.
އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކަރަކަސްއަށް ވަޑައިގަތުމަށް ރާވަމުންދާއިރު، މިޑްޓަރމް އިންތިޚާބާ ދިމާކޮށް ތެލުގެ އަގު އުފުލެމުންދާތީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ވަނީ އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ޕްރެޝަރު ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.



