މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލައްވާފައިވަނީ މުސްލިމް މުޖުތަމަޢެއްގައި މައިންބަފައިންގެ ޤަދަރާއި، ވިޔަފާރީގެ ތެދުވެރިކަމުގެ އިތުރުން މުޖުތަމަޢު އިޞްލާޙުކުރުމަށް ފަރުދީގޮތުން އަދާކުރަންޖެހޭ މުހިންމު ޒިންމާތަކުގެ މައްޗަށެވެ. ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތް ލައްވައި، ބާއްޖަވެރިކަން ފަހިކޮށްދޭ އެންމެ އަސާސީ ތަޅުދަނޑިއެވެ.
މައިންބަފައިންނަށް އިޙުސާންތެރިވުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ޚުޠުބާގައި ވިދާޅުވީ، އެއީ މާތް ﷲ އިންސާނާއަށް ކުރައްވާފައިވާ މާތް ވަޞިއްޔަތެއް ކަމަށެވެ. މައިންބަފައިންގެ ރުހުން ލިބިއްޖެނަމަ އެތައް މުޞީބާތަކުން ސަލާމަތްވެ، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދެއެވެ. ނަމަވެސް، މިއަދުގެ މުޖުތަމަޢުގައި މައިންބަފައިން މުސްކުޅިވާ ދުވަހު އަޅާނުލައި، ހޮސްޕިޓަލްތަކާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުތަކަށް ދޫކޮށްލުމަށްފަހު އަމިއްލަ އުފަލުގައި އުޅޭ މީހުން އިތުރުވަމުންދާކަން ހިތާމައާއެކު ފާހަގަކުރެއްވިއެވެ. އަދި ކުޑަކުޑައިރު ރޭނިދިނަގާލައި، އަޅުގަނޑުމެންގެ އުފަލަށްޓަކައި ޤުރުބާންވި މައިންބަފައިންނަށް އޯގާތެރިވުމަށް އިލްތިމާސްކުރެއްވިއެވެ.
"ހޮސްޕިޓަލުތަކުގައްޔާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މުސްކުޅި ބަލީގައި އެކަނިވެރި ޙާލުގައި، މަންމަ ނުވަތަ ބައްޕަ ދޫކޮށް، އުފަލުގައި އަނބިދަރީންނާއެކު އުޅެމުންދާ އިންސާނާއެވެ! މަރުގެ ސަކަރާތުގެ ތެރެއަށް ތިބާ ވެއްޓޭ ހިނދު، ތިބާއަށް ސަލާމަތްވެވޭނޭ ހަމަ އެއްވެސް ގޮތެއް ނޯންނާނެ."
މީގެއިތުރުން، ވިޔަފާރީގެ މުޢާމަލާތްތަކުގައި ތެދުވެރިވުމަކީ މާތް އަޅުކަމެއްގެ ގޮތުގައި ޚުޠުބާގައި ސިފަކުރެއްވިއެވެ. ވިޔަފާރީގައި މަކަރާއި ޙީލަތްހެދުމަކީ މާތް ﷲގެ ލަޢުނަތް ލިބި، އޭގެ ޢަޛާބު ބޮޑުވެގެންވާ ކަމެއްކަމާއި، މުދަލުން ޒަކާތްދިނުމަކީ ރިޒުޤުގައި ބަރަކާތް ލައްވާނެ ކަމެއްކަން ހަނދާންކޮށްދެއްވިއެވެ. ޙަރާމް ގޮތުގައި ފައިސާ ހޯދައިގެން އަނބިދަރިންނަށް ޚަރަދުކުރުމުން ނުކުންނާނެ ނޭދެވޭ ނަތީޖާއާމެދު މުޖުތަމަޢު ޣާފިލުވެފައިވާކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
ޚުޠުބާ ނިންމަވާލައްވަމުން، މުޖުތަމަޢުގައި ހުރި ނޭދެވޭ ކަންކަމާމެދު ހަމައެކަނި ދުލުން ޝަކުވާކުރުމުގެ ބަދަލުގައި، އެކަންކަން އިޞްލާޙުކުރުމަށް އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ. ނަމާދު ވަގުތުތައް ފާއިތުވެގެންދާއިރު ކުޅިވަރާއި ދުނިޔެވީ ކަންކަމުގައި މަޝްޣޫލުވެ ތިބުމުގެ ބަދަލުގައި، އަމިއްލަ ނަފްސާއި ޅަދަރިން ދީނީ ވާޖިބުތަކަށް އަހުލުވެރިކުރުވުމަކީ މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެއްކަން ހަނދާންކޮށްދެއްވިއެވެ.



