ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ސިނާއީ ވަސީލަތްތަކަށް އަމާޒުކޮށް އިސްރާއީލުގެ ވަޒަންވެރިން ދޭ ހަމަލާތައް އިތުރުވަމުންދަނީ، އެ ސަރަހައްދުގެ އިޤްތިޞާދު ހަލާކުކޮށް މީހުން ވަޒަނުން ބޭރުކުރުމުގެ މަޤްޞަދުގައެވެ. ދާދިފަހުން ރާމަﷲ ކައިރީގައި ހުރި އެލްމިނިއަމް ކާރުޚާނާއެއްގެ ކައިރީގައި ވަޒަންވެރިން ރޯކޮށްލި އަލިފާނުގެ ސަބަބުން، އެ ކާރުޚާނާއަށާއި ގާތްގަނޑަކަށް 12.3 އޭކަރުގެ ޒައިތޫނި ދަނޑުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އައިން ސީނިޔާގައި ރޯކޮށްލި އަލިފާން ނިއްވުމަށް އާންމުންނާއި މަސައްކަތްތެރިން ކުރި މަސައްކަތަށް އިސްރާއީލު ސިފައިން ވަނީ ހުރަސްއަޅާފައެވެ. ކައުންސިލްގެ ވެރިޔާ ފާހަގަކުރެއްވި ގޮތުގައި މިއީ ވައްކަން ކުރުމާއި މަސައްކަތްތެރިންނަށް އަނިޔާކުރުން ހިމެނޭ ގޮތަށް ރޭވިގެން ހިންގާ ސިލްސިލާ ހަމަލާތަކެކެވެ.
މީގެ އިތުރުން ޖުލައި މަހު ވަނީ 700،000 ޑޮލަރުގެ އަގުހުރި ހިލަ ފުނޑާ މެޝިނެއް އަންދާލާފައެވެ. އަދި ހެބްރޮން ކައިރީގައި ދިން މިފަދަ އެހެން ހަމަލާއެއްގައި ބަރު މެޝިނަރީތަކުގެ 90 އިންސައްތަ ހަލާކުކޮށްލުމާ ގުޅިގެން 55 މަސައްކަތްތެރިއެއްގެ އާމްދަނީއަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ.
ސީ.އާރު.އާރު.ސީ އިން ހާމަކުރި ގޮތުގައި ހަމައެކަނި ޖުލައި މަހު ވެސް ވަޒަންވެރިން ދިން 798 ޙަމަލާއެއް ރެކޯޑުކުރެވިފައިވާއިރު، މީގެ ތެރޭގައި މުދަލަށް ގެއްލުންދިނުމާއި، ވައްކަންކުރުމުގެ އިތުރުން 5،000 އަށް ވުރެ ގިނަ ގަސް ހަލާކުކުރުން ހިމެނެއެވެ.
މިފަދަ ޙަމަލާތަކުގެ މައިގަނޑު ބޭނުމަކީ ފަލަސްޠީނުގެ އިޤްތިޞާދަށް ސީދާ ގެއްލުންދީ، ރައްޔިތުން އެ ބިމުން ދުރަށް ދިޔުމަށް މަޖުބޫރުކުރުވައި، އިސްތިޢުމާރީ ބާރުތަކަށް އެ ބިމުގެ މައްޗަށް ވެރިވެގަތުމަށް މަގުފަހިކުރުމެވެ.



