އުތުރު ކޮރެއާއާ އެކު އަލުން މަޝްވަރާތައް ފެށުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ މަސައްކަތްތަކަށް ދެކުނު ކޮރެއާއިން ތާއީދުކުރާ ކަމަށް އެޤައުމުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ވިދާޅުވެއްޖެއެވެ. ނަމަވެސް، މި މަޝްވަރާތަކުގައި ދެކުނު ކޮރެއާ އެއްފަރާތް ނުކުރެވޭނެކަމާއި އެޤައުމުގެ ސަލާމަތީ ހާލަތު ބަލިކަށިނުވާނެކަން ކަށަވަރުކުރަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެމެރިކާއާއި އުތުރު ކޮރެއާގެ ދެމެދުގައި ކުރެވޭ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ސަމާލުކަން ދޭންވާނީ އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް ޙަޤީޤީ ޙައްލެއް ހޯދުމަށާއި، މިކަމުގެ ސަބަބުން ދެކުނު ކޮރެއާގެ ސަލާމަތީ ތައްޔާރީތަކަށް އެއްވެސް ބުރޫއެރުމެއް އައިސްގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޮރެއާ ޕެނިންސިއުލާގައި ސުލްހަ ޤާއިމުކުރުމަށާއި، އުތުރު ކޮރެއާގެ ނިއުކްލިއާ މައްސަލައިގައި ޙަޤީޤީ ކުރިއެރުމެއް ހޯދުމަށްޓަކައި އެމެރިކާއާއި ދެކުނު ކޮރެއާގެ ދެމެދުގައި ސިޔާސަތުތައް ވިލަރެސްކުރުމާއި މުޢާމަލާތްކުރުން މުހިންމު ކަމަށް ދެކުނު ކޮރެއާއިން ފާހަގަކުރެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 'އުލްޗީ ފްރީޑަމް ޝީލްޑް' އަސްކަރީ ތަމްރީނުތައް ކުރުކޮށްލެއްވީ އުތުރު ކޮރެއާއާއެކު މަޝްވަރާއަށް ތައްޔާރަށް ހުންނެވިކަން ދެއްކުމަށާއި އިތުރު ސަބަބުތަކަކާ ހުރެ ކަމަށްވާއިރު، އެމަނިކުފާނު މަސައްކަތް ކުރައްވަނީ ކިމް ޖޮންގ އުންއާއެކު އަލުން ސަމިޓެއް ބޭއްވުމަށެވެ.
އުތުރު ކޮރެއާގެ ނުރައްކާތަކާ ދެކޮޅަށް ތައްޔާރުވުމުގެ ގޮތުން ދެކުނު ކޮރެއާ، ޖަޕާން އަދި އެމެރިކާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ވިޔަފާރިއާއި، އިންޓެލިޖެންސް މަޢުލޫމާތު އަދި އަސްކަރީ ކޮންޓްރޯލް ފަދަ ދާއިރާތަކުން އެމެރިކާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެކުނު ކޮރެއާއިން ބޭނުންވެއެވެ.



