ހެންވޭރު ބޮޑުރަސްގެފާނު މަގުގައި ހުންނަ ހ. ފަހިވައިގޭގެ 7 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ޤައުމީ ދިފާއީ ބާރުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 20:41 އެހައިކަންހާއިރުއެވެ. އަދި ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ވަނީ ފުރިހަމައަށް ކޮންޓްރޯލް ކުރެވިފައެވެ.
މި ހާދިސާގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެން ގޮސް އަނިޔާވުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ނަމަވެސް، ފުލުސް މީހާއަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށާއި، މި ހާދިސާގައި އިތުރު މީހަކަށް އަނިޔާއެއް ވިކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.މީގެ އިތުރުން އަލިފާނުގެ ހާދިސާ ހިނގި ގޭގައި ދިރިއުޅޭ 4 މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ވަނީ ވަގުތީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



