އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ގައްޒާގެ އާންމު ރައްޔިތުންނަށާއި، ހޮސްޕިޓަލްތަކަށް އަދި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް އަމާޒުކޮށް ދެމުންދާ ލާއިންސާނީ ހަމަލާތައް ދިވެހި ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މިކަމާ ގުޅޭގޮތުން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ކުށެއްނެތް އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާ ކަމެއް ކަމަށެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބައި، ހަނގުރާމަ ހުއްޓުމަށް ކުރާ އެއްބަސްވުންތަކަށް އިހުތިރާމްކުރުމަށް އިސްރާއީލަށް ގޮވާލަމުން ސަރުކާރުން ބުނީ، އިސްރާއީލުން ތަކުރާރުކޮށް ގާނޫނުތަކާ ޚިލާފުވުމަކީ މަސްރަހު ފިނިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށެވެ.
އެ ބަޔާނުގައި ދިވެހިރާއްޖެއިން އިތުރަށް ގޮވާލާފައިވަނީ ގައްޒާގެ އާންމުންނާއި ސިއްޙީ މަރުކަޒުތަކުގެ އިތުރުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދީ، ހުރަހެއްނެތި އެ ސަރަހައްދަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ. އަދި ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށްވެސް ވަނީ އެދިފައެވެ. ސަރުކާރުގެ ބަޔާން ނިންމާލަމުން، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަން ވަނީ ތަކުރާރުކޮށްފައެވެ.



